އެޖެންޓުންގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ މަގުފަހިކޮށްދޭނަން: އެސްޓީއޯ އެމްޑީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
އެޖެންޓުންގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ މަގުފަހިކޮށްދޭނަން: އެސްޓީއޯ އެމްޑީ

އެސްޓީއޯގެ އެޖެންޓުންގެ ވިޔަފާރިތައް ދެމެހެއްޓެނިވި އަދި ފައިދާވާ ގޮތެއްގައި ހިންގޭނެ މަގުފަހިކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝިމާދު ވިދާޅުވީ، އަސާސީ ކާބޯތަކެއްޗާއި ޒަރޫރީ ބާވަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެޖެންޓުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެގޮތުން މާލޭގެ ފިހާރަތަކެކޭ އެއްގޮތަށް، އެ އަގުގައި އަތޮޅުތެރޭގެ ރަށްތަކުންވެސް މުދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޖެންޓުން މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިމާދު ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގައި އެޖެންޓުން ހަމަޖައްސާފައިވަނީ މާލެއެކޭ އެއްގޮތަށް ފަސޭހައިން މުދާ ލިބޭނެ ގޮތް ހެދުމަށާއި، އަތޮޅުތަކުގެ ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ މަޤުސަދުގައެވެ. އަދި ކާޑާއި ގޭހުގެ އިތުރުން ތެޔޮ ފޯރުކޮށްދިނުމުގައިވެސް އެޖެންޓުން ބޭނުންކުރަމުންދާ ކަމަށާއި، މިއީ އެސްޓީއޯއަށް ވަރަށް ފަރިތަ ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އެޖެންޓުންގެ ވިޔަފާރިތައް ދެމެހެއްޓުމަށް ދެވޭ އެހީތެރިކަމާ ގުޅޭގޮތުން ޝިމާދު ވިދާޅުވީ:

"އަޅުގަނޑުމެން އެބަ ބަލަން އެޖެންޓުންނަށް ސަސްޓެއިނަބަލް ގޮތަކަށް އެ ވިޔަފާރި ކުރެވޭތޯ. އަޅުގަނޑުމެން ވަކި ވަރަކަށްވުރެ ކުޑަ ގޮތަކަށް އެޖެންޓުންނަށް މުދާ ފޯރުކޮށްނުދޭ ކަމަށްވަންޏާ އެޖެންޓުންނަށް ނޯންނާނެ ނާލު ލައިގެން އެމީހުންގެ އޯވަރ ހެޑްއަށް ޕޭ ކޮށްގެން މުދާތައް ރައްޔިތުންނަށް ތާޒާކަމާއިއެކު އަދި ފައިދާވާ ގޮތަކަށް ވިއްކޭކަށް. އެޖެންޓުންނާއި މިއޮންނަ ސަޕޯޓުގެ ދަށުން ބައެއް އެރޭންޖުމަންޓް އެޖެންޓުންނަށް ދޭނެ. ކުދިކުދި ކާގޯތައް ރަށްތަކަށް ގެންދިއުމަކީ، ވަރަށް ހަރަދު ބޮޑު ކަމެއް އެހެންވީމަ ނާލު ފޯރުކޮށްދިނުމާއި އަދި އެޖެންޓުންގެ ވިޔަފާރިއަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަކީ އެއީ އަޅުގަނޑުމެން ކުރާކަމެއް."

އެސްޓީއޯއާއި ރައްޔިތުންނާ ދެމެދު އޮންނަ މެދުވެރިއަކީ އެޖެންޓުންކަން ފާހަގަކުރައްވައި ޝިމާދު އިތުރަށް ވިދާޅުވީ، އެޖެންޓުންގެ ގޮތުގައި އައްޔަންކުރަނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް ނުވަތަ ވިޔަފާރި ހިންގާ ފަރާތްތައް ކަމަށެވެ.

މިއަދު އޮންލައިން