ސޯޝަލް ހައުސިންގ ސްކީމްތަކުން ލިބޭ ފްލެޓާއި މުދާ ދެމަފިރިންނަށް ހަމަހަމަވާ ގޮތަށް އާއިލާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ސޯޝަލް ހައުސިންގ ސްކީމްތަކުން ލިބޭ ފްލެޓާއި މުދާ ދެމަފިރިންނަށް ހަމަހަމަވާ ގޮތަށް އާއިލާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ކައިވެނިކޮށްގެން ތިބޭ ދެމަފިރިންނަށް ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްތަކުން ލިބޭ ފްލެޓާއި އެހެނިހެން މުދަލަކީ ދެމަފިރިންނަށް ހަމަހަމައަށް ހައްގު ލިބޭ މުދަލުގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި، އާއިލާއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެވެ.

މެންބަރު ހުށަހެޅުއްވި ބިލުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްތަކުން ފްލެޓާއި ގޯތި ދިނުމުގައި ކައިވެންޏެއް ކޮށްގެން އުޅުމާއި ދަރިން ތިބި އަދަދަށް ޕޮއިންޓު ދިނުމުގައި އިސްކަންދެއެވެ. އަދި ގިނަ ސްކީމްތަކުގައި ދެމަފިރިންގެ ތެރެއިން ކުރިމަތިލެވެނީ އެކަކަށް ކަމަށާއި، ދެމަފިރިންގެ ނަމުގައި އިތުރު ބިމެއް ނުވަތަ ގޯއްޗެއް ނެތުމަކީ ޝަރުތެއް ކަމަށް ކަނޑައަޅާފައިވާކަން ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ ހައުސިންގ ސްކީމްތައް ޖުމްލަ ގޮތެއްގައި ފަރުމާކޮށްފައި އޮންނަނީ ވަކި ފަރުދަކަށް ލިބޭ އެއްޗަކަށްވުރެ ބޮޑަށް، މުޅި އާއިލާއަށް ދެވޭ ބޯހިޔާވަހިކަމެއްގެ ގޮތުގައި ކަމަށްވާއިރު، މިހާރު ފްލެޓް ރަޖިސްޓްރީ ކުރެވެނީ ހަމައެކަނި ފޯމު ހުށަހެޅި ފަރާތުގެ ނަމުގައެވެ. މީގެ ސަބަބުން، ދެމަފިރިން ވަކިވާ ހާލަތްތަކުގައި ފްލެޓަކީ ވަކި މީހެއްގެ އެއްޗަކަށްވެ، މުޅި އާއިލާއަށާއި ދަރިންނަށް ބޮޑެތި ނިކަމެތިކަމެއް ކުރިމަތިވާކަން ބިލުގައި ވަނީ ފާހަގަކޮށްފައެވެ.

އާއިލާއާބެހޭ ޤާނޫނުގެ މިހާރުގެ އޮނިގަނޑު އޮތް ގޮތުން، ވަރިކުރުމުގެ ކުރިން ދެމަފިރިން އެކުގައި ހޯދާފައިވާ މުދާ އަދުލުވެރިކަމާއެކު ބެހުމުގެ އުސޫލު އެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ އެކިއެކި ސްކީމްތަކުގެ ދަށުން ލިބޭ މުދަލާމެދު އަމަލުކުރާނެ ވަކި ސާފު އުސޫލެއް ނެތެވެ.

މި ބިލުން ހުށަހަޅާފައިވަނީ 32 ވަނަ މާއްދާއަށް އިސްލާހު ގެނެސް، ދައުލަތުގެ އެކިއެކި ސްކީމްތަކުގެ ދަށުން ލިބޭ ފްލެޓާއި އެހެނިހެން މުދަލަކީ ދެމަފިރިންނަށް ހަމަހަމަ ހައްގު ލިބޭ މުދަލެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ދައުލަތުން އެ މުދަލެއް ދިނުމުގެ އަސްލު މަޤްސަދު ކަމަށްވާ އާއިލާއަށް ރައްކާތެރި ބޯހިޔާވަހިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކޮށްދިނުމެވެ.

މިއަދު އޮންލައިން