ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިއްޖެ: ވަޒީރު ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިއްޖެ: ވަޒީރު ޑރ. ޝަހީމް

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން ހިފްޒުކުރުމުގެ ބައިނަލްއަޤްވާމީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައުތު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ފައިނަލް ތައްޔާރީތައް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން އިންތިޒާމުކުރާ މުބާރާތެކެވެ. މުބާރާތުގެ އިންތިޒާމުތައް ފައިނަލް ކުރުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޚާއްޞަ މަންދޫބަކު ރާއްޖެ ވަޑައިގެން ރަސްމީ މަޝްވަރާތައް ބާއްވަވާފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މުބާރާތުގެ އެންމެހައި ޚަރަދުތައް ހަމަޖައްސަނީ ސަޢުދީ ސަރުކާރުން ކަމަށްވާއިރު، މުބާރާތް އިންތިޒާމު ކުރުމުގައި އެ ޤައުމުގެ ސަރުކާރުން ވެދެއްވާ އެހީތެރިކަމާއި ދެއްވާ އެއްބާރުލުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ސައުތު އޭޝިއާގެ އެކި ޤައުމުތަކުން ބައިވެރިން ވާދަކުރާނެއެވެ. ޑރ. ޝަޙީމް ވިދާޅުވި ގޮތުގައި މިއީ ޤުރުއާން ހިފްޒުކުރާ ފަރާތްތައް އެއް ތަނަކަށް ޖަމާވެ، މި ދާއިރާ އިތުރަށް ކުރިއެރުވުމަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެކެވެ. އަދި މި މުބާރާތުގެ ސަބަބުން އިސްލާމީ ތަޢުލީމުގެ ދާއިރާ ހަރުދަނާވެ، ސަރަޙައްދީ އިސްލާމީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޤުރުއާނުގެ ތަޢުލީމު ފެތުރުމާއި ޙާފިޡުންގެ ޖީލެއް ބިނާކުރުމުގެ މަތިވެރި މަޤުޞަދުގައި ބާއްވާ މި މުބާރާތަކީ ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދެވޭނެ މުބާރާތަކަށް ހެދުމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން