އާދަވެގެން ދަމުނަމާދުކުރަންފެށީމާ މާޔޫސް ބައްޔަށް ބޭސްކުރުން ހުއްޓާލެވުނު އެތައް ސަތޭކަބައަކު އެބަތިބި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
އާދަވެގެން ދަމުނަމާދުކުރަންފެށީމާ މާޔޫސް ބައްޔަށް ބޭސްކުރުން ހުއްޓާލެވުނު އެތައް ސަތޭކަބައަކު އެބަތިބި!

ބައެއް މީހުންނަށް ވިސްނެނީ ދަމުނަމާދަށް ހޭލާނަމަ ނިދިމަދުވެ އެކަމުގެ ސަބަބުން އެމީހެއްގެ ޞިއްޙަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އަދި މިކިޔާ އެންޒައިޓީއަށް ބޭސްކާ މީހުންނަށް ކާބޭހުގެ ފައިދާ ނުކުރާނެ ކަމަށެވެ. އަނެއް ބައަކަށް ޤަބޫލުކުރެވެނީ ނިދި މަދުވެ ދުވަކު ކުރަން ހުންނަ މަސައްކަތްތައް ނުކުރެވޭނެ ކަމަށެވެ.  

ނަމަވެސް މިއީ ކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ. ދަމުނަމާދަށް ހޭލައި ދަމުނަމާދުކޮށް ދުޢާކޮށް ޛިކުރުކުރުމަކީ ހުރިހާ ގޮތަކުންވެސް ޞިއްޙަތަށް ފައިދާ ކުރާނެ ކަމެކެވެ. ލިބޭ ފައިދާތަކުގެ ތެރޭގައި އެންޒައިޓީން ސަލާމަތްވެވުމާއި ތިމާ ކުރަން ހުންނަ މަސައްކަތް ކުރަން ބާރުލިބުމުގެ އިތުރުން މަސައްކަތް ކުރާނެ ގޮތުގެ ރަނގަޅު ވިސްނުން ލިބުންވެސް ހިމެނެއެވެ.  

ރޭއަޅުކަން ކުރަން އާދަކޮށްފިނަމަ ބޭހާނުލައި އަވަހަށް ނިދެން ފަށައެވެ. އަދި އަރާމު ނިންޖެއްވެސް ލިބެއެވެ. ހާސްވުމާއި ކަންބޮޑުވުންތަކުން ސަލާމަތްވެވެއެވެ. ލޭގެ ޕްރެޝަރު ދަށްވެއެވެ. އަދި އެމީހާގެ އަޚްލާޤް ފުރިހަމަވެ ނުބައި ޢަމަލުތަކާއި ފާފަކުރުމުން ދުރުިހެލިވެ ހުންނަން ބާރުލިބެއެވެ.  

ތަހައްޖުދު ނަމާދުކުރަން ބޭނުންވާ މީހާ އެކަންކުރަންވީ އެމީހަކަށް ފަސޭހަ މިންވަރަކަށެވެ. ކޮންމެ ޢަދަދަކަށް ރަކްޢަތް ކުރިނަމަވެސް އަދި އެންމެ 2 ރަކްޢަތް ކުރިނަމަވެސް އެންމެ މުހިންމު އެއްކަމަކީ ނިންމާލަމުން ވިތުރިގެ ފަހު ރަކްޢަތް ކުރުމެވެ. އަދި އަވަސްއަރައިގަނެގެން ނުކޮށް ލަސްލަހުން ކުރުމެވެ. ކުރުސޫރަތް ކިޔަވައިގެން ކުރިނަމަވެސް ވީހާ ބޮޑަށް ކެތްތެރިވެ ލަސްލަހުން ކުރާށެވެ. ކުރިން މިބުނި ކަންކަން ޙާޞިލުކުރެވޭނީ އެއިރުންނެވެ.  

ރޭއަޅުކަމަކީ އީމާންކަން ބަލިކަށި އަދި ކަންނެތް މީހުންނަށް ކުރެވޭނެ ނަމާދެއް ނޫނެވެ. ވީމާ ތިމާއަކީ އީމާންކަން ވަރުގަދަ އަދި ހީވާގި، މުރާލި މީހަކަށް ވުމަށްޓަކައިވެސް ރޭއަޅުކަން ކުރަން އެބަޖެހެއެވެ. ދެން އޮތީ ރޭއަޅުކަން ކުރުމުން މިބުނި ފަދައިން ކަންކަން ޙާޞިލުކުރެވޭނެ ކަމާއިމެދު ކުރެވޭ ސުވާލެވެ. އެސުވާލުގެ ޖަވާބަކަށް ބުނެލަން އޮތީ ރޭއަޅުކަންކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަންވެސް ކުރަންވެސް ކުރަން އޮތް ޢަމަލެކެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން އެމީހަކަށް ނުކުރާނެ ފައިޑާއެއް ނުއޮންނާނެއެވެ. އިން ޝާ ﷲ  

ނިންމާލަމުން ބުނެލަން އޮތީ މުސްލިމުންނަށް އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވުމެވެ. ވީމާ އެއުފާ ޙާޞިލުވެ ސުވަރުގެ ލިބިގަތުމަށްޓަކައިވެސް ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ރޭއަޅުކަންކުރުމެވެ.  

ރޭއަޅުކަންކުރަން ހޭލުމުން ނިދިހަމަނުވެ ޞިއްޙަތަށް ގެއްލުންވާނެކަމަށް ބުނާނަމަ އެމީހަކީ ޝައިޠޯނާގެ ބައިވެރިއެކެވެ. އެއްވެސް މީހަކަށް ކިތަންމެ ކުޑަ ނަމަވެސް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައެއް ނުވެއެވެ. ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކޮންމެ ކަމެއް ކުރިނަމަވެސް އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ލިބޭނީ ފައިދާއެވެ.  

ރޭއަޅުކަމާއި ގުޅުންވަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ދުޢާކުރުމެވެ. ރޭއަޅުކަމަށްފަހު ތިމާ ބޭނުންވާ ކަންކަމަށް އެދި ތިމާގެ ބަހުން ތިމާއަށް އެނގޭ ޢިބާރާތަކުން ﷲ ތަޢާލާއަށް ދުޢާކުރާށެވެ! އެމީހަކަށް ދެދުނިޔޭގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ  

އަހުރެން މިކިޔައިދިނީ އެތައް ސަތޭކަ، އެތައް ހާސް ބައެއްގެ ތަޖުރިބާއެވެ. އިޚްލާޞްތެރިކަމާއިއެކު ތިބާވެސް ނިކަން ތަޖުރިބާކޮށްލައިބަލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން