ރ.ހުޅުދުއްފާރުން ފުރައިގެން މާލެ ދަތުރުކުރި "އަލްމަސް" ނަމަކަށް ކިޔާ ބޯޓު އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 01:40 ހާއިރު އެމްއެންޑިއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ "އެމްއާރުސީސީ" އަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފަވެއެވެ.
މިގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް، ބޯޓް އޮތް ސަރަހައްދަށް ގޮސް ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފަވެއެވެ. އަދި މިބޯޓަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިންވެސްވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
67 މީހުންނާއެކު ދަތުރުކުރި މި ބޯޓް އިންޖީނު ހުއްޓިފައި ވަނީ ބ.ހިތާދޫއާއި ބ.ގޮއިދޫއާއި ދޭތެރެއަށެވެ. މިހާދިސާއާ ގުޅިގެން ބޯޓްގެ ވެރިފަރާތާއި ބ.އަތޮޅު ފިނޮޅު ރިސޯޓާ ގުޅިގެން ބޯޓްގެ އިންޖީން ސްޓާޓް ކުރުމަށް ބޭނުންވާ ބެޓްރިއެއް ރިސޯޓުން ގެންގޮސް އިންޖީން ވަނީ ވަގުތީ ގޮތުން މަރާމާތުކޮށްފައެވެ. މި ބޯޓުގެ އިންޖީނަށް ދިމާވި އިތުރު މައްސަލަ ބެލުމަށްޓަކައި މިބޯޓް މިހާރު ވަނީ ބ.ގޮއިދޫއަށް ވަދެފައެވެ. މިހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.