މަޖިލީހުގައި އަލަށް މިފަހަރު އުފައްދާ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލައްވާނެކަން ރައީސް ނަޝީދު އިއުލާނުކުރައްވައިފިއެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވަން އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި އޮންނާނެ ކަމަށާއި އެމަނިކުފާނު މިހުންނެވީ އެކަން ކޮށްދެއްވަން އެނބުރި ވަޑައިގެން ކަމަށެވެ. އަދި އެމަނިކުފާނު އެނބުރި ވަޑައިގެން ހުންނެވީ މުޅިން އެހެން ޤައުމިއްޔަތެއް ބިނާކޮށްދެއްވުމުގެ ފޮނި އުންމީދުގައި ކަމަށެވެ. އެމަނިކުފާނު ނުކުމެވަޑައިގެން މިހުންނެވީ ދިވެހި ރައްޔިތުންގެ ފަރާތުން ވަކާލާތުކުރާ، ދިވެހި ރައްޔިތުންނަށްޓަކައި ކަންކަން ކުރާ ރައްޔިތުންގެ މަޖިލީހެއް އެކުލަވައިލެއްވުމަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފައިސާ ގޯނި ކޮނޑުޖަހައިގެން ހިނގާ ހިނގުން ހުއްޓުވާނެ ކަމަށާއި މަޖިލީހަކީ ރައްޔިތުންގެ މަންފާއަށްޓަކައި މަސައްކަތް ކުރާ ތަނަކަށް ހައްދަވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓް 10 އަހަރުތެރޭ 7 ބިލިއަނުން 30 ބިލިއަނަށް އިތުރުވީ ރައްޔިތުންގެ ފައިސާއިން ކަމަށާއި އެ ފައިސާ ގޯނި ގޯނީގައި އުފުލަން ދޫކޮށެއް ނުލެވޭނެ ކަމަށެވެ. ރައްޔިތުންނަށް ވައްކަން "އޯކޭއެއް" ނޫން ކަމަށާއި ރައްޔިތުންގެ ފައިސާއިން ވައްކަންކުރާ މީހުން ރައްޔިތުން ދެން އިންތިޚާބު ނުކުރާނެ ކަމަށެވެ. ރައްޔިތުން އިންތިޚާބުކުރާނީ އިޚްލާޞްތެރިކަމާއި އޯގާތެރިކަމާއި އަދި ތެދުވެރިކަމާއިއެކު ރައްޔިތުންނަށް ކަންކަން ކޮށްދޭނެ މީހުން ކަމަށެވެ.

މިރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ކޯލިޝަނުގެ އިސް ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.