މާލެއަށް މިއަދު ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެ، ފެން ހިންދުމުގެ މަސައްކަތަށް ބައެއް ކުންފުނިތަކުން ދަނީ ޕަމްޕު ހަދިޔާ ކުރަމުން ކަމަށް އެންއެންޑީއެފް އިން ބުނެފިއެވެ.
އެގޮތުން އެމްއެންއޭސީއައި ގެ މެމްބަރ އެލިއާ އިންވެސްޓްމަންޓުން މިމަސައްކަތަށް ހަތަރު ޑީސެލް ޕަމްޕާއި ފަސް އިލެކްޓްރިކަލް ޕަމްޕު ހަދިޔާ ކުރި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެލިއާގެ ފަރާތުން ހަދިޔާކުރި ޕަމްޕުތަކާއި އެމްއެންޑީއެފް ގެ ފަރާތުން ހަވާލުވެލެއްވީ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ އަލީ ސަލީމެވެ.
މިއަދު ހެނދުނުން ފެށިގެން ހަވީރާއި ހަމައަށް މާލެއަށް ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ވަރަށް ގިނަ މަގުތަކުގައި ވަނީ ފެން ބޮޑުވެ، އަދި ބައެއް އިމާރާތްތަކަށް ވެސް ފެންވަދެފައެވެ. ވިއްސާރައިގެ ސަބަބުން ބައެއް ގޭގެއިން ކަރަންޓު ވެސް ގޮސްފައިވާ ކަމަށާއި ދެ ގެއަކުން މީހުން ހުސްކުރަން ޖެހުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މީގެއިތުރުން ޕާކު ކޮށްފައި ހުރި ބައެއް ސައިކަލުތައް ވެއްޓި، ބައެއް ސައިކަލުތައް މަގުމެދުން ހުއްޓިފައި ވެސް ވެއެވެ.
މިއީ ފަހުގެ ތާރީޚެއްގައި މާލެއަށް ރިކޯޑު އަދަދަކަށް ވާރޭވެހުނު ދުވަހެކެވެ.