ހާލު ބޮޑުވި ދެ މަސްވެރިން ދިއްދޫއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 1މ 14ސ
ހާލު ބޮޑުވި ދެ މަސްވެރިން ދިއްދޫއަށް ގެންގޮސްފި

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ފަލުކާ ސާފުކުރަން ފައިބާއުޅެނިކޮށް ހާލުބޮޑުވި ދެމީހުން މިހާރު ހއ.ދިއްދޫ އަށް ގެންގޮސްފި އެވެ.

 

މިހާދިސާއާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 12 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އާރކް" ނަމަކަށް ކިޔާ ދޯނީގައި ތިބި ދެ މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ހއ.ދިއްދޫއަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

 

އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 18:40 ހާއިރެވެ. ހާދިސާގެ  މައުލޫމާތު ލިބުމާއެކު ހޯރަފުށި ސީއެމްބިއުލަންސް މެޑިކަލް ޓީމަކާއެކު ދޯނި އޮތް ސަރަޙައްދަށް ފުރުވާލާފައިވާ ކަމަށާއި، އެ ހާދިސާގައި ހާލު ދެރަވެގެން ދިއްދޫއަށް ގެންގޮސްދީފައިވަނީ ދެ ދިވެހިން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

 

އެ ދެ މީހުންވެސް އިތުރު ފަރުވާއަށް ދިއްދޫއަށް ގެންގޮސްދީފައިވަނީ ދޯނީގެ ފަލްކާ ސާފުކުރުމަށް ފޭބުމަށްފަހު ނޭވާއަށް އުނދަގޫވާތީ، ދޯނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދުމުންކަމަށާއި، އެ ދެމީހުން ހޯރަފުއްޓަށް ގެންދިއުމަށް ކުރިން ހަމަޖެހިފައިވީނަމަވެސް ހއ.ދިއްދޫއަށް ގެންގޮސްފައިވަނީ ސީއެމްބިއުލަންސްގައި ހުންނެވި ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

 

ދިއްދޫއަށް އެދެމީހުން ގެންގޮސްފައިވަނީ މިރޭ 20:35 ހާއިރެވެ.

މިއަދު އޮންލައިން