އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އިން 86 ގޮނޑިއަށް ވާދަކުރާނެ ކަމަށާއި 86 ގޮނޑީގެ ޕްރައިމަރީގައި ވާދަކުރަން 280 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީއާއި ގުޅިގެން އެމްޑީޕީއާއި 34،000 އަށްވުރެ ބައަކު އިތުރަށް ގުޅިއްޖެ ކަމަށާއި މީގެ ތެރެއިން 11،000 އަށްވުރެ ގިނަ މީހުންނަކީ ޕީޕީއެމުން އެމްޑީޕީ ޢާއި ގުޅުނު ބައެއް ކަމަށެވެ. "އަބަދުވެސް ތިބޭނެ ސަރުކާރު ހިންގާ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ބައަކު."
ރައީސް ނަޝީދު ވެސް ވިދާޅުވީ ކޯލިޝަން ދެމެހެއްޓުމަށް މިއަދުވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރެވި އެއްބަސްވެވުނު ކަމަށެވެ. އަދި ކޯލިޝަނުގެ އެންމެ އިސް ލީޑަރުންގެ ބައްދަލުވުންތައް ބޭއްވުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މަރުތައް ތަޙްޤީޤް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި ކޮރަޕްޝަނުގެ މައްސަލަތައް ތަޙްޤީޤް ކުރެވޭނެ ގޮތް ހަމަ ނުޖައްސައި މަޖިލިސް ޗުއްޓީއަށް ދާންޖެހުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ދައުރުން ބޭރުގައި ޖަލްސާތަކެއް ބޭއްވުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.