މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވިިލިނގިލީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ޓްރޭނިންގ ސްކޫލަށް ޒިޔާރަތް ކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް، އެމްއާރުސީސީ އާއި ފަޔަރ ޓްރޭނިންގ ސްކޫލަށް ޒިޔާރަތް ކުރެއްވުމުން މަރުޙަބާ ދެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑު ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީ އެވެ.
މި ޒިޔާރަތުގައި އެމްއާރުސީސީގައި ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވާ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލު ކުރާ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެމްއާރުސީސީގައި މަސައްކަތް ކުރާ ސިފައިންނާ ބައްދަލުކުރައްވާ ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ވަނީ މަޢުލޫމާތު ސާފުކުރައްވާފައެވެ.

އަދި މި ޒިޔާރަތުގައި ފަޔަރ ޓްރޭނިންގ ސްކޫލްގައި ހިންގާ ބައެއް ކޯސްތަކާއި ކޯސްތައް ހިންގުމުގައި ދިމާވާ ދަތިތަކުގެ އިތުރުން ކޯހުގެ ތެރޭގައި ކުރިއަށް ގެންދާ އެކްސަސައިޒްތައް ކުރިއަށް ގެންދާ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޢުލޫމާތު ސާފުކުރައްވާފައެވެ. އަދި ފަޔަރ ޓްރޭނިންގ ސްކޫލުގައި މަސައްކަތްކުރާ ސިފައިންނާ ބައްދަލުކުރައްވާ ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ