މިމަހުގެ ނާވާރަވަނަ ދުވަހު ރާއްޖޭގެ ސަރަހައްދަށްވަދެ، ގަވާއިދާހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސް، އިތުރު ތަހުގީގަށް ފުލުހުންނާ ހަވާލުކޮށްފިއެވެ.
"އޮޝާދީ 1" ނަމަކަށްކިޔާމި މަސް ބޯޓްއެމްއެންޑީއެފް ކޯސްޓް ގާޑަށް ފެނިފައި ވަނީ ގދ ގައްދޫ އިރުމަތީ ކަނޑުގެ ސަރަހައްދުންނެވެ. މި ބޯޓް ފުލުހުންނާ ހަވާލުކުރުމަށް ދޫނިދުއަށް ގެންގޮސްފައި ވަނީ ރޭގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ހިއްސާކުރަމުން، އެމްއެންޑީއެފްގެ ކޮމާންޑާރ ބްރިޖޭޑިއާރ ޖެނަރަލް އަލީ ޒުހައިރް ވިދާޅުވީ، އެބޯޓަކީ މިހާތަނަށްބެލިބެލުމުން ހަމައެކަނި މަސްވެރިކަން ކުރުމުގެ ބޭނުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވި ބޯޓެއް ކަމަށެވެ. އަދި ބޯޓު ހިފެހެއްޓުމުން އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ މަސް ވެސް ބޯޓުގައި ހުރި ކަމަށް އެމްއެންޑީއެފުން މީޑިއާއަށް ހިއްސާކުރި މައުލޫމާތުން އެނގުނެވެ. އެމްއެންޑީއެފުން ބުނީ ގާތްގަނޑަކަށް 1 ޓަނުގެ މަސް، އެ ބޯޓުގައި ހުރި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން، މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބިފައި ނުވެއެވެ.