އަތުލައިގަތް މަސްބޯޓުގައި މިޔަރު ހިމެނޭހެން ޓަނެއްހާ މަސް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަތުލައިގަތް މަސްބޯޓުގައި މިޔަރު ހިމެނޭހެން ޓަނެއްހާ މަސް!

މިމަހުގެ ނާވާރަވަނަދުވަހު ރާއްޖޭގެ ސަރަހައްދަށްވަދެ، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން އަތުލައިގެން ލަންކާގެ މަސް ބޯޓުގައި ޓަނެއްހާ މަސް ހުރި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފްގެ ކޮމާންޑަރ ބްރިޖޭޑިއާޖެނަރަލް އަލީ ޒުހައިރު ވިދާޅުވީ، "އޮޝާދީ 1" ނަމަކަށްކިޔާމި މަސް ބޯޓްއެމްއެންޑީއެފް ކޯސްޓް ގާޑަށް ފެނިފައި ވަނީ ގދ ގައްދޫ އިރުމަތީ ކަނޑުގެ ސަރަހައްދުންނެވެ. 

މި ބޯޓު ބަލާ ފާސްކުރި އިރު، ޓަނެއްހައި މަސްފެނިފައި ވާ ކަމަށް އޭނާ ވިދާޅުވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މިޔަރާއި އެހެން ބާވަތްތަކުގެ ކަނޑު ހިމެނޭ ކަމަށް އަލީ ޒުހައިރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އޭނާ ވިދާޅުވީ ބޯޓުގައި ހުރި އާލާތްތަކުން ވެސް އެއީ މަސްވެރި އުޅަނދެއްކަން ފާހަގަކުރެވޭ ކަމަށެވެ. "ބޯޓުގެ އާލާތްތަކާއި ބާނާފައިވާ މަހަށް ބަލާއިރު އެއީ މަސްވެރި އުޅަނދެއް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. މަސް ބާނާ، ދާއެޅުމުގެ އާލާތްތަކެއް ވެސް އޭގަ ހުރި. އަދި މަސް ވެސް އެބަހުރި. އެހެންވީމަ އެއީ މަސްވެރި އުޅަނދެއް ކަމަށް ބެލެވެނީ،" އަލީ ވިދާޅުވިއެވެ. 

މި ބޯޓު މިހާރު ވަނީ އިތުރު ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ބޯޓު ފުލުހަށް ހަވާލުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަން އެނގިފައި ވެއެވެ.

މިއަދު އޮންލައިން