ރ.މުރަވަންދޫން ކުނި ބަރުކޮށްގެން ކ.ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ "ދުވެލި" ނަމަކަށް ކިޔާ ދޯންޏަކަށް ދިޔަވެއްޖެއެވެ.
މި ހާދިސާގެ ހިނގީ ރޭ 22:24 ހާއިރުއެވެ. މި ހާދިސާ ގައި "ދުވެލި" ދޯނި ކ.އަކިރިފުށީގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 17 ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް ކަމަށް ދޯނީގެ ކެޕްޓަން އެމް އެން ޑީ އެފް އަށް މައުލޫމާތު ދީފައިވާ ކަމަށް ބުނިއެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމުން ، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވިންގ ޓީމަކާއެކު، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) "ދޮށީމޭނާ" ގައި ހާދިސާ ހިނގި ސަރަޙައްދަށް ރޭ 00:25 ހާއިރު ގޮސް، ހަރަކާތްތެރިވެފައެވެ. މިގޮތުން، ދޯންޏަށް ދިޔަވަމުންދާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީގައި ދޯނީގައި ޕަންޕު ޖައްސައިގެން ދިޔަގަނޑު ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރީ ޑައިވަރުންގެ އިރުޝާދާ އެއްގޮތަށް އެ ދޯނި ކ.ތިލަފުއްޓާ ދިމާއަށް މަޑު ދުވެލީގައި ދުއްވަމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، 75 ފޫޓްގެ މި ދޯންޏަށް ދިޔަވާން މެދުވެރިވީ، ދޯނީގެ ޝާފްޓް ޓިޔުބްގެ ބޯލްޓެއް ނެއްޓިގެންނެވެ. އަދި ހާދިސާ ހިނގިއިރު، އެ ދޯނީގައި ދިވެއްސަކާއި ތިން ބިދޭސީން ތިއްބެވެ. ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުންވެފައިވާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.