ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 1ސ
ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކޮށް ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ، މޫސުމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ. 

އެއޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެކުނުގެ ބޮޑު ބަޔަކަށް މިއަދާއި މާދަމާ ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން މައުލޫމާތު ދީފައިވާ ކަމަށާއި އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ. 

އެހެންކަމުން ކަނޑުގަދަވުމާއި ފެން ބޮޑުވުމުގެ ސަބަބުން ދިމާވެދާނެ ކަމަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ. 

މީގެއިތުރުން، މަގުތަކުގައި ފެނބޮޑުވެދާނެ ކަމަށް ކުރިއާލާ ތައްޔާރުވުމަށާއި ގޭތެރެއަށް ފެން ނުވަންނާނޭހެން ވެލި ބަސްތާ ޖެހުމާއި ފެން ނުޖެހޭފަދަ އުސް ތަންތަނަށް މުދާ ބަދަލު ކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ފުރާޅު އެލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އެންޑީއެމްއޭ ގެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ. 

އިލެކްޓްރޯނިކް ސާމާނު ބޭނުން ނުކުރާނަމަ ނިއްވާލާފައި ބެހެއްޓުމަށާއި ކަނޑު ދަތުރު ކުރާނަމަ މޫސުމަށް ސަމާލުވުމުގެ އިތުރުން މުއާސަލާތީ ކަންކަން ފުރިހަމަތޯ ޔަގީން ކުރުމަށް ވެސް ބަޔާނުގައިވެއެވެ.

މިއަދު އޮންލައިން