ލިޔުނީ: ޒިދާން މުޙައްމަދު
ބަލި މީހުން އުފުލުމާއި ވައިގެ މަގުން ކަނޑުގެ ސަރަހައްދު ބެލުމަށް އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް އޮޕަރޭޓުކޮށް ދުއްވުމަށް އިންޑިއާ ސިފައިންނާމެދު ދިވެހިރާއްޖޭން ވެފައިވާ އެއްބަސްވުން އައުކޮށް، އޮޕަރޭޝަންތަކުގައި ހެލިކޮޕްޓަރުތައް އަލުން ބޭނުން ކުރަން ފަށައިފި އެވެ.
އެގްރިމެންޓް އާކޮށް، އޮޕަރޭޝަންތަކުގައި ހެލިކޮޕްޓަރު ބޭނުންކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ރޭ ވަނީ ބުނެފަ އެވެ. އެގޮތުން، ރާއްޖޭގެ ބައެއް ހިސާބުތަކުން އިއްޔެ އާއި މިއަދު ވެސް ވަނީ ބަލިމީހުން މާލެ ގެނެސްފަ އެވެ. އޭގެތެރޭގައި، މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް 81 އަހަރުގެ ބަލި އަންހެނަކާއި އިތުރު ދެރަށަކުން ވެސް މީހުން މާލެ ގެނެސްފައި ވެއެވެ.
ބަލި މީހުން އުފުލާށާއި ސާޗް އެންޑް ރެސްކިއު މިޝަންތަކުގައި ބޭނުން ކުރުމަށް ދެ ހެލިކޮޕްޓަރު ފުރަތަމަ ގެނެސްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރެވެ. އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް ޔާމީން ވެސް ވަނީ ހެލިކޮޕްޓަރުތައް ރާއްޖޭގައި އޮޕަރޭޓް ކުރުމުގެ އެއްބަސްވުން އައުކޮށްފައެވެ.