ގޭސް ވިއްކާ ދެ ކުންފުންޏާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބައްދަލުވުމެއް ބާއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 43ސ
ގޭސް ވިއްކާ ދެ ކުންފުންޏާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބައްދަލުވުމެއް ބާއްވައިފި

ރާއްޖޭގައި ކައްކާ ގޭސް ވިއްކާ ދެ ކުންފުނިކަމުގައިވާ ވިލާ ގޭހާއި މޯލްޑިވް ގޭސްގެ އިސް ބޭފުޅުންނާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) އިން ބައްދަލުވުމެއް ބާއްވައިފިއެވެ. 

އެމްއެންޑީއެފުން ބުނީ މި ބައްދަލުވުމަކީ ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކޮށް ރައްކާތެރިކުރުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) އިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.   

އެމްއެންޑީއެފް ކޯސްޓްގާޑު ކޮންފަރެންސް ހޯލުގައި އިއްޔެ ހެނދުނު ކުރިއަށްދިއަ މި ބައްދަލުވުމުގައި، ގޭހުގެ ސަބަބުން ހިނގާ ހާދިސާތައް އިންވެސްޓިގޭޓް ކުރުމުގައި، ގޭހުގެ ޚިދުމަތްދޭ ފަރާތްތަކާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ. 

މި ބައްދަލުވުމުގައި، ގޭސް ލީކުވުމާއި، ގޭހުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތަކާއި ބެހޭ ތަފާސް ހިސާބުތައް އެފްއާރުއެސްގެ ފަރާތުން ހުށަހަޅައިދީފައިވެއެވެ. އަދި، އެފްއާރުއެސްއިން ހަރަކާތްތެރިވާ ގޭހުގެ ހާދިސާތަކުގެ ތެރެއިން، ގޭސް ފުޅި ލީކުވާ ހާލަތްތަކުގައި ހިނގާފާނެ ހާދިސާތަކުގެ ނުރައްކާ ބޮޑުކަން ފާހަގަކޮށް، އެކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އޭގެ އިތުރުން، ގޭހުގެ ޚިދުމަތް ދިނުމުގައި ގޭސް ފުޅީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، އަދި އިތުރަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުންނާއި، ގޭހުގެ ސަބަބުން ހިނގާ ހާދިސާތަކަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ބެހޭގޮތުން ވެސް ދެ ފަރާތުން ވަނީ މަޢުލޫމާތު ހިއްސާކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. 

މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމާއި، ޑެޕިޔުޓީ ކޮމާންޑަރ މޭޖަރ މުޙައްމަދު ނަދީމް އިބްރާހީމާއި، މާލޭ ފަޔަރ ސްޓޭޝަންގެ ހެޑް، ވޮރަންޓް އޮފިސަރ 2 އަޙްމަދު ނަޝީދު އަދި އެފްއާރުއެސްގެ ހެޑް އޮފް ފަޔަރ ޕްރިވެންޝަން ޑިޕާޓްމަންޓް، ވޮރަންޓް އޮފިސަރ 1 މުއައްމަރު މުޙައްމަދެވެ. އަދި، މާލޭގައި ގޭސް ވިއްކާ ދެ ކުންފުނި ކަމުގައިވާ ވިލާ ގޭހާއި މޯލްޑިވްސް ގޭސްގެ އިސް ބޭފުޅުން ބައިވެރިވެލައްވާފައިވެއެވެ. މިގޮތުން، ވިލާ ގޭހުގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް މުޙައްމަދު ރަޝީދާއި، ވިލާ ގޭހުގެ ސޭލްސް މެނޭޖަރ، އަލްފާޟިލް ޔާމީން ޙަބީބުގެ އިތުރުން، ވިލާ ގޭހުގެ ހެޑް އޮފް ސޭލްސް، އަލްފާޟިލް ބާސިލް ނަފީސް އާއި މޯލްޑިވް ގޭހުގެ އެސިސްޓެންޓް އޮޕަރޭޝަންސް މެނޭޖަރ، އަލްފާޟިލް ޢަބްދުލް ވާރިސް އަދި، މޯލްޑިވް ގޭސް، ތިލަފުށީގެ ސީނިއަރ އޮފިސަރ، އަލްފާޟިލް ޢަލީ ސިނާން، މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.

 

މިއަދު އޮންލައިން