ގދ.ތިނަދޫއިން 03 މީހުންނާއި އެކު ފުރައިގެން މާލެ ދަތުރުކުރި "ފްރެޝް" ނަމަކަށް ކިޔާ ދޯންޏެއް ޚަބަރެއް ނުވުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފެށި ދޯނީގެ ޚަބަރެއް ވެއްޖެއެވެ.
މި ދޯނި ހޯދުން އެމްއެންޑީއެފް ކޯސްޓްގާޑުން ކުރި މަސައްކަތުން ދޯނީގެ ޚަބަރެއް ވީ ރޭ 00:50 ހާއިރު އެ ދޯންޏާ ގުޅުމުންނެވެ. އަދި މި ދޯންޏާ ގުޅުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ދޯނި އޮތް ސަރަޙައްދަށް ގޮސް ދޯންޏާ ބެހޭ މަޢުލޫމާތު ނަގާފަވެއެވެ.
މި ދޯނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ދޯންޏާ ނުގުޅި ގޮސްފައިވަނީ އިންޖީނު ހުއްޓުމުގެ ސަބަބުންނެވެ. އަދި ދޯނީގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު ފަތިހު 04:00 ހާއިރު ގދ.ތިނަދޫއަށް ވަނީ ވަދެފައެވެ.
މި ދޯނި ފެނުނު އިރު ދޯނީގައި ތިބި މީހުންގެ ހާލުވެސް ރަނގަޅެވެ. ދޯނީގައި ތިބީ ދިވެއްސަކާއި 2 ބިދޭސީންނެވެ.