ރާއްޖޭގެ ކުރިއެރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ކުރިއަށް ގެންދާއިރު ޖިންސުގެ ހަމަހަމަކަން ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި އެހެން މުއައްސަސާތަކުގައި ވެސް އަންހެނުންގެ ދައުރު އިތުރުކުރަންޖެހިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވަން ކުރިމަތިލައްވާފައިވާ ޢައިޝަތު ނާޒިމާގެ ކެންޕޭން ލޯންޗްކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖެއަށް ބަލައިފިނަމަ ސިޔާސީ ކަންކަމަށް ކުރިމަތިލާ އަންހެނުންގެ އަދަދު އަދިވެސް ވަރަށް މަދު ކަމަށާއި އެހެންކަމުން އެފަދަ ކަންކަމަށް ކެރިގެން ކުރިމަތިލާ އަންހެނުންނަށް ހިތްވަރުދީ އެކަނބަލުންގެ މަސައްކަތް މުޖުތަމައުންވެސް ބަލައިގަންނަން ޖެހިފައިވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން އަބަދުވެސް އެކަންކަން ބަލައިގަންނާނެ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުންނާއި ދިވެހި ރައްޔިތުން ވެސް ގެންދަނީ އެދި ގޮވަމުން ކަމަށާއި އެފަދަ ގޮވުންތަކަށް ޖުމްހޫރީ ޕާޓީން އިޖާބަދޭނެ ކަމަށެވެ. "މަޖިލީހުގައިވެސް އަދި އެހެން ދާއިރާތަކުގައިވެސް އަންހެނުންގެ ހައްޤުގައި ވަކާލާތު އެންމެ ފުރިހަމައަށް ކުރެއްވީ ހަމަ އަންހެން ބޭފުޅުންނަށްކަން އެންމެންވެސް މިއަދު ޤަބޫލުކުރޭ."
ޤާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުގައި މިހާރުވެސް 85 މެނަބަރުން ތިބޭއިރު 4،5 އަންހެން މެންބަރުން ތިބުމުން ބޭރުގެ ފަރާތްތަކުން އެކަމާއި ސުވާލުކުރާ ކަމަށެވެ. މުޖުތަމައުގެ އާބާދީއަށް ބަލައިފިނަމަ 2 ޖިންސް ދާދި އެއްވަރު ކަމަށާއި މި ތަފާތު ކުޑަކުރެވޭނީ އަންހެން ކެންޑިޑޭޓުންނަށް ވޯޓުދީ މަޖިލީހަށް ހޮވައިދީގެން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ނާޒިމާއަކީ ކުޅިވަރުގެ ދާއިރާއިން ޤައުމަށް ފަޚުރުވެރި ވަނަތަކެއް ހޯއްދަވައި ދެއްވާފައިވާ ވަރަށް ގިނަ ބައަކާއިއެކު މަސައްކަތް ކުރައްވާފައިވާ ބޭކަނބަލަކަށްވުމުން ދާއިރާގެ ރައްޔިތުން ނާޒިމާ ބަލައިގަނެ ވޯޓުދޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ. އަދި ވަރަށް ވާދަވެރި ދާއިރާއަކަށް ނާޒިމާ ކުރިމަތިލެއްވިކަން އެއީ ނާޒިމާގެ ސާބިތުކަން ދައްކައިދޭ ކަމެއް ކަމަށެވެ.