ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބް ޖަލުގައި ބަންދުކުރިފަހުން ފާއިތުވި 2 އަހަރު ތެރޭ ފަރުވާ ނުދޭ ވަރަށް މިސަރުކާރުގެ ފުރަތަމަ 2 މަސް ދުވަސް ތެރޭގައި ވެސް އަދީބަށް ފަރުވާދެވިފައިވާ ކަމަށާއި ޝަކުވާ ނުކުރި ނަމަވެސް ގެންދަނީ ފަރުވާދެމުން ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝައިޚް އިމްރާން ވިދާޅުވީ ހެނދުނު 7 ން ރޭގަނޑު 9 އަކަށް އަދީބް މިހާރު ހުންނާނީ އެންމެ ލުއި މީހުން ފަދައިން މިނިވަންކަމާއިއެކުގައި ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ޑޮކްޓަރު އަދީބުގެ ޞިއްޙީ ޙާލު ބަލާނެ ކަމަށެވެ.
"ލޮލުގެ ފަރުވާ ނުލިބިގެން މިހާރު އަދީބް ޝަކުވާއެއް ނުކުރައްވާ. އެކަމަކު އެކަމަށްވެސް މިގެންދަނީ ފަރުވާ ދެމުން. ރާއްޖޭގެ ޑޮކްޓަރުންނަށް ފަރުވާ ނުދެވޭނަމަ ބޭރުން ޑޮކްޓަރުން ގެނެސްގެން ވެސް ފަރުވާ ދޭނަން." ޝައިޚް އިމްރާން މިމޭރުމުން ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ބުނެފައިވަނީ އަދީބަކީ ތަނަވަސްކަން ހުރި މީހެއް ކަމަށާއި ބޭނުންނަމަ އަމިއްލައަށް ޑޮކްޓަރުން ގެނެސްގެން ފަރުވާ ކުރުމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ ކޮންމެ ޤައިދީއަކަށް ވެސް، އަދީބަށް ވެސް ފަރުވާ ދެމުން ގެންދަނީ ޑޮކްޓަރުން ބޭނުންވާ ގޮތަށް ކަމަށާއި ޢާއިލާއިން ނުވަތަ ޕާޓީން އެދޭ ގޮތަށް ފަރުވާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަދީބް ޖަލު ބަންދަށް ގެންދިއައީ ޑޮކްޓަރުންގެ ހުއްދަ އާއި ނުލައި ކަމަށް ބުނެ ޢާއިލާއިން ފަތުރަނީ ދޮގު ވާހަކަ ކަމަށެވެ.