މީސް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކް ގައި "މުޙައްމަދު ޓެލެކޮމިއުނިކޭޝަން- ލމޓ" ގެ ނަމުގައި ހިންގަމުންދާ ޕޭޖަކުން، މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ނަގަމުންދާ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި، އައިފޯން- އެކްސް ވިއްކާ ކަމަށް ބުނެ އެޕޭޖުން މީހުން އަތުން މަކަރާއި ހީލަތުން ފައިސާ ނަގަމުންދާ ދެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިމައްސަލައިގައި ހިމެނޭ ފަރާތްތަކުން ފައިސާ ޖަމާ ކޮށްފައިވަނީ ދިވެހި އަންހެނެއްގެ ނަމުގައި ބީއެމްއެލް ގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މިމައްސަލައިގެ ތަހުގީގަށް އެއަންހެން މީހާ ފުލުހަށް ހާޒިރުކޮށް މައުލޫމާތު ސާފު ކުރުމުން، އެޕޭޖުން އެއަންހެން މީހާއަށް ވެސް އޮޅުވާލި ކަމަށް އޭނާ ބުނެފައިވެއެވެ. އައިފޯނު ގެނެސް ދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު ފޯނު ގެނެސް ދީފައިނުވާ ކަމަށް އެއަންހެން މީހާ އާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް ފަހުން އެއަންހެން މީހާއަކީ ރާއްޖޭގެ އޭޖެންޓު ކަމަށް ނިންމި ކަމަށާއި އެހެން ދިވެހިންގެ އަތުން ފައިސާ ނެގުމަށްފަހު އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަމަށް އަންެހެން މީހާ ބުނެފައިވެއެވެ. އަދި ފައިސާ ނެގުމަށްފަހު، އެފައިސާ ޖަމާކުރިކަމުގެ ސްލިޕްކޮޅު ވައިބާ އިން އޭނާއަށް ލިބެމުން ދިޔަ ކަމަށާއި ވެސްޓާރން ޔޫނިއަން މެދުވެރިކޮށް "މުޙައްމަދު ޓެލެކޮމިއުނިކޭޝަންސް- ލމޓ" އިން ބުނެފައިވާ ނައިޖީރިއާގެ އެޑްރެސް ތަކަކަށް އެފައިސާ ފޮނުވަމުން ދާކަމަށް ވެސް އެއަންހެން މީހާ ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.