ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަށް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ނުދިން ފަރުވާ، މި ސަރުކާރު އައިފަހުން ދެ މަސް ތެރޭގައި ދީފައިވާނެ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީ ގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމުގެ މައްސަލައިގައި އަދީބު އަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ.
އަދީބުގެ ސިއްޙީ ހާލަތާއިމެދު ހޯމް މިނިސްޓަރ ވަރަށް ބޮޑަށް އިޙުމާލުވެފައިވާ ކަމަށާއި ބޭއިންސާފުން ކަންތައް ކުރައްވާ ކަމަށް ބުނެ އާއިލާއިން ކުރަމުން ގެންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުން، މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް އިމްރާން ވިދާޅުވީ، ކުރީ ސަރުކާރުގައި އަދީބު ގެންގުޅެމުން އައީ "ބަންދު ކޮށްޓެއްގައި" ކަމަށް އެއާއިލާއިން ސިފަ ކުރެއްވި ކަމަށާއި ނަމަވެސް މިހާރު ޖަލުގައި ވެސް އަދީބު އަށް ޚާއްސަ ރައްކާތެރިކަން ދެއްވަމުން އަންނަ ކަމަށެވެ.
އެގޮތުން ހެނދުނު 7:00 އިން ފެށިގެން ރޭގަނޑު 21:00 އަށް އޭނާ ހުންވަނީ ޖަލު ސަރަޙައްދުގައި ހުންނަ ހުސް ސަރަޙައްދަށް ދޫކޮށްލާފައި ކަމަށް ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިޚް އިމްރާން ވިދާޅުވީ ކޮންމެ 24 ގަޑިއިރަކު ޑޮކްޓަރުން އަދީބު ބައްލަވާ ކަމަށާއި ޑޮކްޓަރުން އިރުޝާދު ދެއްވައިފިނަމަ ލަސްނުކޮށް އިތުރު ފަރުވާއަށް އަދީބު މާލެ ގެންނަ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން މިދަނީ އަދީބަށް އެހެން ގައިދީނަށް ވުރެ ވެސް ރަނގަޅަށް ހިދުމަތް ދެމުން، އަދި މަގުތައް މިދަނީ ފަސޭހަ ކުރަމުން. އަޅުގަނޑު މަގާމާއި ހަވާލުވުމަށް ފަހުގަ އަދީބު މެޑިކަލީ ކުރަމުން ގެންދާ ކޮންމެ ކޮމްޕްލެއިނަކަށް އަޅުގަނޑުމެން މިދަނީ ޑޮކްޓަރުންނާއި މަޝްވަރާކޮށް އެމަސައްކަތް ކުރަމުން. އަދީބުގެ އެދުމަކާއި ނުލާއި މިހާރު ވެސް ލޮލުގެ ޑޮކްޓަރަށް ދެއްކުމަށް ހަމަޖައްސަމުން މިދަނީ. އެކަމުގަ ރާއްޖޭގަ އެކަށީގެންވާ ޑޮކްޓަރެއް ނެތިއްޔާ ރާއްޖެއަށް އެކަމަށް އެކަށީގެންވާ ޑޮކްޓަރަކު ގެނެސްގެންވެސް އެކަން ކުރާނަން." ހޯމް މިނިސްޓަރ ޝައިޚް އިމްރާން ވިދާޅުވިއެވެ.