ރިޔާސީ ނިޒާމުގަ މަޖިލީހުގެ މެޖޯރިޓީ އެއް ޕާޓީއަކަށް އޮންނާކަށް ނުޖެހޭނެ - ދީފި ނަމަ 3 ބާރު އެއްވާނެ!: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރިޔާސީ ނިޒާމުގަ މަޖިލީހުގެ މެޖޯރިޓީ އެއް ޕާޓީއަކަށް އޮންނާކަށް ނުޖެހޭނެ - ދީފި ނަމަ 3 ބާރު އެއްވާނެ!: ޤާސިމް

ރާއްޖޭގެ ވެރިކަން ކުރާނީ ރިޔާސީ ނިޒާމުން ކަމަށް ރައްޔިތުންގެ މަތީ އަޣްލަބިއްޔަތުން ވަނީ ނިންމާފައި ކަމަށާއި ރިޔާސީ ނިޒާމެއްގައި އެއް ޕާޓީއަކަށް (ވެރިކަން ކުރާ ޕާޓީއަށް) މަޖިލީހުގެ މެޖޯރިޓީ އޮވެއްޖެނަމަ ދައުލަތުގެ 3 ބާރު ދާނީ އެއްވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީން ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 128 ވަނަ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޤާސިމް އިބްރާހީމް މިރޭ ވެސް ވިދާޅުވީ ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ އޮތުމުން ކަންކަން ވެގެންދާ ގޮތް އިހައްދުވަހު ވެސް ފެނި ތަޖުރިބާ ކުރެވިފައިވާ ކަމަށާއި ސަރުކާރުން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރި ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެ ކަމަށެވެ. އެހެންކަމުން ރިޔާސީ ނިޒާމުގައި ރައްޔިތުންނަށް އެންމެ ފައިދާބޮޑުވާނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުވަތަ އެއް ބައަކަށް ނެތުމުން ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމާއިބެހޭ ގޮތުން ކޯލިޝަނުގައި ހިމެނޭ އަނެއް 3 ބައިވެރިންނާއި މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އަދި އެކަމުގައި އެއްވެސް ބައިވެރިއަކާއިއެކު ގޮތެއް ނިންމިފައި ނުވާ ކަމަށެވެ. ކޯލިޝަނުގައި ނުހިމެނޭ ފަރާތްތަކުންވެސް ޖޭޕީ އާއިއެކު މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރިކަން އިއުލާނުކޮށްފައިވީނަމަވެސް އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާނެ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވަނީ ޑިމޮކްރަސީއަކީ ހުރިހާ ޕާޓީތަކުން ކޮންމެ ގޮނޑިއަކަށްވެސް ވާދަކުރުންކަމަށް އެމްޑީޕީން ބުނާ ބުނުމަށް ރައްދު ދެއްވައިފައެވެ. "ރިޔާސީ އިންތިޚާބުގަ ޑިމޮކްރަސީ އަކަށް އެބަވޭ ހުރިހާ ޕާޓީތަކެއް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރުން. އެކަމަކު މަޖިލިސް އިންތިޚާބު އައިމަ ގުޅިގެން މަސައްކަތް ކުރުން އެއީ ޑިމޮކްރަސީއަކަށް ނުވޭ." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން