މިއަހަރުގެ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާގައި، ތ. ގުރައިދޫ ދާއިރާއަށް އިދިކޮޅު ޕީޕީއެމް ގެ ފަރާތުން ކުރިމަތިލައްވާ މުޙައްމަދު ޣައްސާން މައުމޫން އާއި ދެކޮޅަށް ވާދަ ކުރައްވާ ކެނޑިޑޭޓަކަށް ތާއީދު ކުރައްވަން، އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ޣައްސާން އަށް، އެޕާޓީގެ ފަރާތުން ގުރައިދޫ ދާއިރާގެ ޓިކެޓު ވެސް ދެއްވާފައެވެ.
ޣައްސާން އާއި ދެކޮޅަށް، ރައީސް މައުމޫން ގެ ތާއީދު ލިބިވަޑައިގެން އެދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓަކީ މުޙައްމަދު އިބްރާހިމް މަނިކެވެ.
ރައީސް މައުމޫން މިއަދު ވަނީ، މުޙައްމަދު އިބްރާހިމް މަނިކަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާ، އޭނާ އަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ރައީސް މައުމޫން އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުޙައްމަދު ނަދީމު، ދިގު މުއްދަތަކަށް ހައްޔަރު ކޮށްފައި ހުރިއިރުވެސް ޣައްސާން މައުމޫން ހުންނެވީ ރައީސް ޔާމީނާއެކު، އެވެރިކަމުގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައެވެ. އޭނާ އެއްވެސް އިރެއްގައި އާއިލާގެ ދިފާއުގައި ވެސް އަދި އާއިލާއާއި ދެކޮޅަށް ވެސް ބަހެއް ވިދާޅުވެފައެއް ނުވެއެވެ.