މަސްވެރިކަމަށް ނުކުމެ އުޅޭއިރު ގުޅޭނެ ގޮތަކަށް ވަސީލަތްތައް ބެހެއްޓުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
ކޯސްޓްގާޑް ބިލްޑިންގގައި ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބަދުއްރަހީމް ޢަބްދުއްލަޠީފް ވިދާޅުވީ ގިނަ ދުވަސްތަކަކަށް މަހަށް ނުކުންނައިރު އެނބުރި އަންނަން ބުނާ ދުވަހަށް ނައުދެވުމުން ގެއްލުނީ ކަމަށް ޢާއިލާތަކަށް ޤަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއް މެދުވެރިވާނަމަ ޢާއިލާތަކަށް ގުޅައި މައުލޫމާތު ދެވޭނެ ގޮތެއް ހަމަޖެއްސުން ވަރަށް މުހިންމު ކަމަށެވެ.
ޢަބްދުއްރަޙީމް މިމޭރުމުން ވިދާޅުވެފައިވާއިރު މަހަށް ނުކުތުމަށްފަހު ޚަބަރެއް ނުވެ ލަސްވުމުން ގެއްލުނީ ކަމަށް ރިޕޯޓްކުރާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.