މިއަހަރުގެ މިހައިތަނަށް ވައިގެ މަގުންނާއި ސީއެމްބިޔުލާންސްގައި 299 ދަތުރުކޮށް 308 މީހުން އުފުލާފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފިއެވެ.
ކޯސްޓްގާޑް ބިލްޑިންގގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑުގެ ކޮމާންޑަރ ބްރިގޭޑިއަ ޖެނެރަލް ޢަލީ ޒުހައިރު ވިދާޅުވީ ޞިއްޙީ މައްސަލަތަކުގެ އިތުރުން ގިނަ ހާދިސާތައް ހިނގަމުންދަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނުއަޅައި ހުންނާތީ ކަމަށެވެ. އެގޮތުން މޫދުގައި ގިނަ އަދަދެއްގެ ފަތުރުވެރިން މަރުވަމުން ދަނީ ވެސް އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭތީ ކަމަށެވެ.
ބްރިގޭޑިއަ ޖެނެރަލް ޢަލީ ޒުހައިރު ވިދާޅުވީ މޫދަށް އެރޭ ސަރަހައްދުތައް ފާހަގަކުރަންޖެހޭނެ ކަމަށާއި ސަރަހައްދުގެ ފުންމިނާއި އޮއި ދެމޭގޮތް އަނގައިދޭން ޖެހޭނެ ކަމަށެވެ. މިކަންކަން ކުރުމުން ހިނގާ ހާދިސާތައް ވަރަށް ބޮޑުތަން މަދުކުރެވޭނެ ކަމަށާއި މަތުރުވެރިން މަރުވުމުން ފަތުރުވެރިކަމަށް މިހާރު އަޅާ ލޮޅުންތައް ކުޑަވާނެ ކަމަށެވެ.
ރަވާނާ ބޯޓު އަނދައިދިއަ ހާދިސާގެ މައުލޫމާތު ދެއްވަމުން ބްރިގޭޑިއަ ޖެނެރަލް ޢަލީ ޒުހައިރު ވިދާޅުވީ ކޯސްޓްގާޑަށް ލިބުނީ ކުއްލި މެސެޖެއް ކަމަށާއި ކެޕްޓަން ބުނިގޮތުން މައުލޫމާތު ދިންތާ މިނިޓެއްހައި އިރުގެ ތެރޭގައި އެންމެން މޫދަށް ފުންމާލަން ޖެހުނު ކަމަށެވެ.
ބްރިގޭޑިއަ ޖެނެރަލް ޢަލީ ޒުހައިރު ވަނީ މޫދަށް ފުންމައިލި މީހުން ސަލާމަތްކުރި ދަންޑެހެލު ދޯނީގެ ކެޕްޓަނަށާއި ފަޅުވެރިންނަށް އަދި ދޯނީގެ ކެޕްޓަނަށް ވަރަށް ބޮޑަށް ތައްރީފް ކުރައްވައިފައެވެ.
މިފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މިހާރުވެސް ފަށާފައިވާ ކަމަށްވެސް ބްރިގޭޑިއަ ޖެނެރަލް ޢަލީ ޒުހައިރު ވިދާޅުވިއެވެ.