މަސްވެރިކަން ކުރަން ނަމަވެސް ރާއްޖޭގެ ސަރަހައްދުން ޤަވާއިދާއި ޚިލާފަށް ބޭރުވާނަމަ އެހެން ޤައުމުތަކުން ފިޔަވަޅުއަޅާނެ ކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.
ކޯސްޓްގާދް ބިލްޑިންގގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯސްޓްގާޑުގެ ކޮމާންޑަރ ބްރިގޭޑިއަ ޖެނެރަލް ޢަލީ ޒުހައިރު ވިދާޅުވީ މިހާރަކަށް އައިސް ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރަމުން ރާއްޖޭގެ ސަރަހައްދުން ބޭރުވާ ކަމުގެ މައްސަލަތައް ކުރިމަތިވަމުން އަންނަކަމަށެވެ. ބައެއް ފަހަރު އިންޑިއާ ކޯސްޓްގާޑުން ދިވެހި މަސްވެރިން ރާއްޖޭގެ ސަރަހައްދަށް ވައްދުވަމުން ވެސް ގެންދާ ކަމަށެވެ.
ބްރިގޭޑިއަ ޖެނެރަލް ޢަލީ ޒުހައިރު ވިދާޅުވީ ރާއްޖޭގެ އުތުރަށް ބަލައިފިނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ އެންމެ 36 މޭލުކަމަށެވެ. އަދި އިތުރުންވެސް 200 މޭލު ހަމަ ނުވާކަމަށާއި އެހެންކަމުން ރާއްޖޭގެ ކޮންމެ ދިމާއަކުން 200 މޭލު ސަރަހައްދެއް ނުލިބޭ ކަމަށެވެ.
ބްރިގޭޑިއަ ޖެނެރަލް ޢަލީ ޒުހައިރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ބޭރުވުމުން ކޯސްޓްގާޑުންވެސް ދޯނި ފަހަރަށް ސެޓެލައިޓްފޯނުތައް މެދުވެރިކޮށް ގުޅައި އެކަން އަނގަމުން ގެންދާ ކަމަށެވެ. އަދި މިޒަމާނަކީ ނެވިގޭޝަނުގެ ވަސީލަތްތައް ހުރި ޒަމާނަކަށްވުމުން މިކަމަށް ދޭންޖެހޭ ސަމާލުކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.