ދިވެހި ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ 23 ވަނަ ސިފައިންގެ ފޮޓޯ މައުރަޒު ކުޑަކުދިންގެ ހަވީރަކާއި އެކު ހުޅުމާލެ ރެހެންދި ސްކޫލް ގައި ބާއްވާ ގޮތަށް ހަމަޖެއްސައިފިއެވެ

މި ފޮޓޯ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހަގެ 18 ވާ ބުރާސްފަތި އަދި 19 ވާ ހުކުރު ދުވަހުއެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ ފޮޓޯތަކާއި، ރައްޔިތުންގެ ފުރާނަޔާ މުދާ ސަލާމަތްކުރުމަށް އަދި ގުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، ސިފައިން އިޖުތިމާޢީ ގޮތުން ބައިވެރިވެފައިވާ ހަރަކާތަކުގެ އިތުރުން، ސިފައިންގެ ތާރީޚާއި އަދި ސިފައިންގެ ތަމްރީންތަކާއި ގުޅުންހުރި ގިނަ ފޮޓޯތަކެއް ދައްކާލުމަށްވަނީ ހަމަޖެހިފަވެއެވެ.

ފޮޓޯ މައުރަޒު ހުޅުވިފައިހުންނާނީ އެޕްރީލު 18 ވަނަ ދުވަހުގެ ހަވީރު 16:00 ން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށެވެ. އަދި އެޕްރީލު 19 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 ން 15:00 އަށް، ހަވީރު 16:00 ން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށް ފޮޓޯ މައުރަޒު ހުޅުވުމަށް ހަމަޖެހިފަވެއެވެ.
މި ފޮޓޯ މައުރަޒާ އެކު އެޕްރީލު 19 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ން 18:00 އަށް އެމްއެންޑީއެފް މާލެ އޭރިއާގެ ކުޑަކުދިންގެ ހަވީރު ރެހެންދި ސްކޫލުގެ އޯޕަން އޭރިއާގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތަކާއި ސިފައިން ބޭނުން ކުރާ ބައެއް އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ އިންތިޒާމް ވެސް ހަމަޖެހިފަވެއެވެ.