ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގި ހަތް ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސްގެ ދަސްވެނިވުން މިއަދު ހެނދުނު އެމްއެންޑީއެފް ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބާއްވައިފިއެވެ.މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އެކަމަނާ ވަނީ މި ކޯހުގެ ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.
މި ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ބެޖް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ކޯހުން ފާސްވި ދަރިވަރުންނަށް ޗީފް އޮފް ޑިފެންސް ފޯސް ބެޖު ހަވާލުކޮށްދެއްވާފައިވަނީ ކަނޑު އަޑީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ކޯހުގެ ދަރިވަރުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ކޯހުގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހެއިރެވެ.

ހަތް ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ ބެސްޓް އޯލް ރައުންޑަކަށް ހޮވިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ލ.ކޯޕްރަލް އިޝާގް ރަޝީދެވެ. މި ކޯހުގެ ފިޓެސްޓް ޑައިވަރުގެ މަޤާމް އެމްޑީޔޫ 2 ގެ ލ.ކޯޕްރަލް މިފްތާޙް އިބްރާހީމް ހޯދިއިރު ކޯހުގެ ބެސްޓް ފޮރިން ކެޑޭޓަކަށް ހޮވިފައިވަނީ ސްރީލަންކާގެ ލ.ކޯޕްރަލް ޗަތުރަންގާ އެލްއޭއެސްއެވެ. އަދި ކޯހުގެ ފަސްޓް އިން މެރިޓަކަށް ހޮވިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ލ.ކޯޕްރަލް ހަސަން ޢަލީއެވެ.
މި ކޯހުގައި ބައިވެރިންނަށް ހިސްޓްރީ އޮފް ޑައިވިންގ، ފިޒިކްސް އެންޑް ފިޒިއޯލޮޖީ އޮފް ޑައިވިންގ، އިކުއިޕްމަންޓް އެންޑް އެކްސެސަރީސް، ޑައިވިންގ ކޮމިއުނިކޭޝަންސް، ޑައިވިންގ ޓޭބަލް، ޑައިވިންގ ސޭފްޓީ، ޑައިވިންގ ސާރޗް ޕެޓާންސް، ފިޒިކަލް ޓްރެއިނިންގ، ސްވިމިންގ، ޑައިވިންގ ސްކިލްސް، މިޝަން ޕްލޭނިންގ، ޑައިވިންގ ފަސްޓް އެއިޑް، ވެސެލް ރެސްކިއު އަދި ރެސްކިއު ސްވިމިންގ ވަނީ ކިޔަވަދެވިފައެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގި މިކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވަނީ 19 ދަރިވަރުންނެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން 8 ސިފައިން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި ނޭޕާލް އާމީގެ ސިފައިންގެ ބޭކަލަކާއި، އިންޑިއާ ކޯސްޓްގާޑުގެ ސިފައިންގެ ބޭކަލެއްގެ އިތުރުން ސްރީލަންކާގެ 6 ސިފައިންގެ ބޭކަލުން ހިމެނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 ސިފައިން މި ކޯހުގައި ބައިވެރިވެފައިވެއެވެ.
2019 ޖަނަވަރީ 14 ވަނަ ދުވަހު ފެއްޓި މި ކޯހަކީ 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދެވުނު ކޯހެކެވެ.
Had the honor of awarding the badges underwater to the graduates of the 7th Coast Guard Basic Diving, including students from the friendly foreign countries of India, SriLanka and Nepal.
— Chief of Defence Force MG.Abdulla Shamaal (@CDFofMNDF) April 18, 2019
Heartfelt congratulations to all the graduates. pic.twitter.com/bFPKaq8jZh