ނަގޫރޯޅި އެރުމާ ގުޅިގެން، ބޭނުން ނުކުރެވޭ ވަރަށް ފޮނަދޫގެ ހަ ގެއަކަށްވަނީ ގެއްލުންވެފަ: ޑިޒާސްޓާ

ކިޔުމަށް ހޭދަވާނީ 1މ 5ސ
ނަގޫރޯޅި އެރުމާ ގުޅިގެން، ބޭނުން ނުކުރެވޭ ވަރަށް ފޮނަދޫގެ ހަ ގެއަކަށްވަނީ ގެއްލުންވެފަ: ޑިޒާސްޓާ

ރޭ ފަތިހު ލ. ފޮނަދޫއަށް އެރި ނަގޫރޯޅިއާއި ގުޅިގެން، ބޭނުން ނުކުރެވޭ ވަރަށް އެރަށުގެ ހަ ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (ޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

 

އެއޮތޯރިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑީއެމްއޭގެ ޑިރެކްޓާ ޖެނެރަލް ޞަފީނާޒް ހަސަން ވިދާޅުވީ، ނަގޫރޯޅި އެރުމުގެ ސަބަބުން ޖުމްލަ 12 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ދިރިނޫޅެވޭ ވަރަށް ގެއްލުންލިބުނު ހަ ގެއެއްގެ މީހުން، ރަށުގެ އެހެން ގެތަކުން ވަގުތީ ހިޔާވަހިކަން ހޯދާފައިވާ ކަމަށެވެ.

 

މީގެއިތުރުން ޞަފީނާޒް ވިދާޅުވީ، ގެއްލުން ލިބުނު އަނެއް ހަ ގޭގެ ބައެއް ކޮޓަރިތައް ބޭނުންކުރެވެ ކަމަށެވެ. އެހެންކަމުން އެތަންތަނުގައި މީހުން އުޅެމުން އަންނައިރު، އޭގެ ތެރެއިން އެއް ގެއެއްގައި ރަނގަޅު ހާލަތުގައި ހުރީ އެންމެ ކޮޓަރިއަކަށް ވާތީ، އެ އާއިލާއަށް ކައުންސިލް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކްރީ ވިދާޅުވީ ފޮނަދޫގެ އިތުރުން އެ އަތޮޅު ހިތަދޫއަށް ވެސް ނަގޫރޯޅީގެ އަސަރުކުރި ކަމަށެވެ. އެރަށުގެ ގެއެއްގެ ފުރާޅު އެއްލައިލިއިރު އެ ގެއެއް މިހާރު އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

މިއަދު އޮންލައިން