ގދ. ރަތަފަންދޫ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ފިހާރައަށްވަދެ އެފިހާރައިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ރަތަފަންދޫ ފިހާރައެއް ފަޅާލައި އެފިހާރައިން ވައްކަންކޮށްފައިވާ ކަމަށްބުނެ، މެއި 24 ވަނަ ދުވަހުގެ ރޭ 3:55 ހާއިރު ރަތަފަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ.
ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަނާއި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން މިމީހުން ހައްޔަރުކޮށް، މިމީހުންނާއި ގުޅުންހުރި ކަމަށް ބެލެވޭ ތަންތަނާއި ރަށުގެ އެކި ސަރަޙައްދުތައް ބަލައިފާސްކޮށް، ރަށުގެ މީހުން ނޫޅޭ ހިސާބު ވަލުތެރޭގައި ވަޅުލާފައި ހުރި ފައިސާ ފުލުހުންވަނީ ހޯދާފައެވެ.
ވަލުތެރޭގައި ވަޅުލާފައިހުއްޓާ ފުލުހުން ހޯދާފައިވަނީ 20900 ދިވެހި ރުފިޔާއާއި 412 ޑޮލަރާއި 10 ޔޫރޯގެ އިތުރުން ދެ ކާޓޫނު ސިނގިރެޓެވެ. މިތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ ކަމަށް ފުލުހުން ބުޏެއެވެ
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ތިން ދުވަހުގެ މުއްދަތު ދީފައިވެއެވެ.