ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ގދ.ގައްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.
އެގޮތުން ގއ. ވިލނގިލީގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހެކެވެ.
މެއި 25 ވަނަ ދުވަހުގެ 20:30 ހާއިރު ހިންގި މިއޮޕަރޭޝަންގައި ވިލިނގިލި މަގުމަތިން ފުލުހުން މިމީހާ ހުއްޓުވި ވަގުތު އަތުގައި އޮތް އެއްޗެއް އެއްލައިލުމުން އެނަގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓެއް ފެނިފައިވެއެވެ.
މީގެއިތުރުން ގއ. އަތޮޅުން ފުރައިގެން ގދ. ގައްދުއަށް ދަތުރުކުރަމުންދާ ފެރީއަކުން ގައްދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 24 ވަނަ ދުވަހުގެ 18:40 ހާއިރު ހިންގި އޮޕަރޭޝަންގައި 27 އަހަރުގެ މީހަކު މިވަނީ ހައްޔަރުކޮށްފައެވެ.
ގައްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ގައްދޫ ބަނދަރު ސަރަޙައްދުން މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތުދީފައިވެއެވެ