އޭޝިޔާގެ ބެޑްމިންޓަންގެ މައި އިދާރާ (ބީއޭސީ)ގެ ސެކެރެޓަރީ ޖެނެރަލްގެ މަޤާމަށް އިންތިޚާބުވި ފުރަތަމަ ދިވެއްސެއްގެ ޝަރަފް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ހޯއްދަވައިފިއެވެ.
އޭނާ މި މަޤާމަށް އިންތިޚާބުވީ ޗައިނާގައި ކުރިއަށްދިޔަ ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންގެ އަހަރީ ޢާންމު ޖަލްސާގައެވެ.
ދިވެހި ޤައުމީ ބެޑްމިންޓަން ޓީމަށް ކުޅުއްވާ، ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ މޫސަ އިންތިޚާބު މަޤާމަކީ 5 އަހަރު ދުވަހުގެ ދައުރެކެވެ. އަދި އޭނާ މި މަޤާމަށް އިންތިޚާބުވީ ހޮންގކޮންގގެ ޓޮން ވައި ލިންއާއި ވާދަކޮށެވެ.
މި އިންތިޚާބުގައި އޭޝިޔާގެ 40 ޤައުމަކުން ވޯޓްލީއިރު، މޫސައަށް ލިބިވަޑައިގަތީ 27 ވޯޓެވެ. އަދި ޓޮން ވައި ލިންއަށް ލިބުނީ 13 ވޯޓެވެ.
ބީއޭސީގެ ރައީސަކަށް އިންތިޚާބުވީ އިންޑޮނޭޝިޔާގެ އެންޑޮން ސުބޮވޯއެވެ. ޚަޒާންދާރަކަށް ހޮވިފައިވަނީ ލެބަނަންގެ ޖަސީމް ކަންސޯއެވެ.
މޫސަ މިހާރުވެސް ގެންދަވަނީ ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ ބެޑްމިންޓަން ވަރލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ކައުންސިލުގެ މެމްބަރެއްގެ މަޤާމްވެސް ފުރުއްވަމުންނެވެ. އަދި ބެޑްމިންޓަން އޭޝިޔާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއަރމަންގެ މަޤާމްވެސް އަންނަނީ ފުރައްވަމުންނެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ބެޑްމިންޓަން ކުޅުންތެރިޔާ ކަމަށްވާ މޫސާ ނާޝިދު ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ކަމާއި ޙަވާލުވުމަށްފަހު އަންނަނީ ރާއްޖޭގައި ބެޑްމިންޓަން ދިރުވާ އާލާކުރުމަށް ތަފާތު ގިނަ މަސައްކަތްތައް ކުރަމުންނެވެ.
މޫސަ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތީ 2016 އަހަރުގެ މެއި މަހުއެވެ.