19 ވަނަ މަޖިލީހުގެ ރައީސަކަށް ރައީސް ނަޝީދު އަދި މަޖިލީހުގެ ނައިބް ރައީސަކަށް އީވާ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިއްތިފާޤުން ފާސްކޮށްފިއެވެ. ޖަލްސާގައި ބައިވެރިވީ 64 މެންބަރުންނެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދުގެ ނަންފުޅު ހުށަހެޅުއްވީ އަސްލަމް އެވެ. އަސްލަމް ހުށަހެޅުއްވުމުން ރައީސް ނަޝީދު ތަނާޒަލްވެވަޑައިގެންނެވިއެވެ. ނަމަވެސް ޢަފީފް ރައީސް ނަޝީދުގެ ނަންފުޅު ހުށަހަޅުއްވައި ޤަބޫލުފުޅު ކޮށްދެއްވުމަށް ރައީސް ނަޝީދުގެ އަރިއަހުން އެދިވަޑައިގަތުމުން "ވަރަށް ގާތް ރައްޓެއްސަކަށް" ފޯނުކޯލެއް ކުރެއްވުމަށްފަހު ރައީސް ނަޝީދު ވަނީ ޢަފީފްގެ ހުށަހެޅުއްވުން ޤަބޫލުފުޅު ކުރައްވައިފައެވެ.
އަސްލަމްވެސް ޢަފީފް ވެސް ވިދާޅުވީ ދެ ބޭފުޅުން ކުރިމަތިލެއްވުމުން ޕާޓީ ތެރޭގައި އުފެދުނު ހަމަނުޖެހުމުގެ ޙައްލަކަށްވާނީ ރައީސް ނަޝީދު މަޤާމާއި ޙަވާލުވެވަޑައިގަތުން ކަމަށެވެ. އަދި ޤައުމަށް އެންމެ ފައިދާ ބޮޑުވާނީ ވެސް ޤައުމުގައި ހަމަޖެހުން އޮންނާނީ ވެސް ރައީސް ނަޝީދު މަޤާމާއި ހަވާލުވެވަޑައިގަތުމުން ކަމަށެވެ.
ޖަލްސާއަށްފަހު ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަވާނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެގޮތަށް ކަމަށާއި ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ ކަމަށާއި ކުރައްވާ ހުރިހާ ކަންކަން މިހާރުވެސް ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި މަޝްވަރާ ކުރައްވައިގެން ކަމަށާއި އެކަންކަން އެގޮތަށް ދަމަހައްޓަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިއީ ކުރިން އެއްގޮތަކަށް ވެސް ވިސްނަވައިގެން ހުންނެވި ގޮތެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ މި ނިންމުމާއިއެކު ރައީސް ނަޝީދަށް ދެ ޝަރަފް ލިބިވަޑައިގަންނަވާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވުމަށްފަހު ފުރަތަމަ މަޖިލީހުގެ މެންބަރުކަން ކުރައްވާ ރައީސް ކަމާއި އަދި މަޖިލީހުގެ ރައީސްކަން ކުރައްވާ ރައީސްގެ ޝަރަފެވެ.