ފުލުހުން ދެ އަތޮޅެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 34ސ
ފުލުހުން ދެ އަތޮޅެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

 ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި އަދި  ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންތަކެއްގައި 21 އަހަރުގެ ދެމީހަކާއި 34 އަހަރުގެ މީހަކާއި 41 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ހަތަރު މީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 41 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ދަންވަރު 02:45 ހާއިރު ހިންގި އޮޕަރޭޝަންގައި އެރަށު މަގުމަތިންނެވެ. ފުނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި މިއޮޕަރޭޝަންގެ ތެރެއިން، މިދެމީހުންނަށް ފުލުހުން ފެނުމުން އުކައިލި އެއްޗެހިތަކެއް ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި  ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ.

21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ށ. މިލަންދުއަށް ދަތުރުކުރަމުންދާ ލޯންޗަކުން މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުމުނު މަޢުލޫމާތަަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. މެއި 27 ވަނަ ދުވަހުގެ 18:15 ހާއިރު މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަންގައި އެރަށު މަގުމަތިން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރި އިރު މަސްތުވާތަކެތި  ހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތި  ހުރި ބިޑިއެއް ފެނިފައިވެއެވެ.

މީގެ އިތުރުން ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މެއި 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 21 އަހަރުގެ މީހަކުވަނީ ހައްޔަރުކޮށްފައެވެ. އިހަވަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެރަށު މަގުމަތިން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މިމީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ޝޭންޕޫ ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތި ހުރި 13 ސެލޯފިންކޮޅު ފެނިފައިވެއެވެ.

 

މިއަދު އޮންލައިން