އދ. މާމިގިލީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރަމުންދާ ބޯޓަކުން މީހަކު މާމިގިއްޔަށް މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު ހެނދުނު 07:20 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހެކެވެ.
މާމިގިލީ ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަންގައި، އެރަށު މަގުމަތިން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން، މިމީހާ ލައިގެންހުރި ޖީންސްގެ ޖީބުން އެއްޗެއް ނަގައި އެއްލައިލުމުން ފުލުހުން އެނަގައި ބެލިއިރު މަސްތުވާތަކެތިކަމަށް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މީގެ އިތުރުން ދ. ކުޑަހުވަދޫ ގެއެއްގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ކަމަށް ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 27 ވަނަ ދުވަހުގެ 14:00 ހާއިރު ހިންގި އޮޕަރޭޝަންގައި، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިހުރި 78 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މިމައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.