މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ގޯލު ބެހެލެއްޓުމަށް މުހައްމަދު ފައިސަލް ޙަވާލުވެއްޖެއެވެ.
ސާފް ސުޒުކީ ކަޕްގެ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއާގެ މަޤާމުވެސް ހޯދި ފައިސަލް އެންމެ ފަހުން ކުޅުނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅު ބެންޗުން ފައިސަލް ފެނުނު ނަމަވެސް، ސީޒަންގެ ފަހުކޮޅު ކުޅުނު މެޗުތަކުގައި އޭނާ ވަނީ ނިއުގެ ގޯލު ބަލަހައްޓާފައެވެ.
އޯލް ޔޫތް ލިންކޭޖު (އޭވައިއެލް) އިން 2007 ވަނަ އަހަރު ފެނުނު ފައިސަލް 2010 ވަނަ އަހަރު ވިކްޓަރީއާ ގުޅި، މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ. އަދި 2013 ގައި ވެލެންސިއާއަށް ބަދަލުވެ އެ ޓީމުގައިވެސް ވަނީ އޭނާގެ ހުނަރު ދައްކާފައެވެ.
2017 ވަނަ އަހަރުގެ ސީޒަނުގެ މެދުތެރެއިން ނިއުއަށް ބަދަލުވެ އެ އަހަރުގެ ދިވެހި ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި 2018 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގު އެޓީމުން ކާމިޔާބުކުރި އިރު، ފައިސަލްގެ ހިއްސާ ބޮޑެވެ.
ފުރަތަމަ ޑިވިޝަނަށް މިއަހަރު އަލަށް ކޮލިފައިވެފައިވާ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ޖޫންމަހު ފަށާ ފުޓްބޯޅަ ސީޒަނަށް އެޓީމު ވަރުގަދަ ކުރުމަށް ވަނީ ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އޭގެތެރޭގައި އަހުމަދު އިމާޒް (އާއްކޮ) އާއި މުހައްމަދު ރަޝީދު (ހޮކޭ) އާއި ޔަސްފާދު ހަބީބު (މުލަކޭ) އާއި އަހުމަދު ނިޒާމް (ނިޒާމްބެ) ހިމެނެއެވެ.
އަންނަ ސީޒަނުގައި ދަ ގްރާންޑަށް އިރުޝާދު ދޭނީ މާޒިޔާގެ ކުރީގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) އެވެ.