ތ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން މާލެއިން ފުރައިގެން ހިރިލަންދުއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު ހެނދުނު ގާތްގަނޑަކަށް 09:30 ހާއިރު ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި، އެބޯޓު ހިރިލަންދޫ ބަނދަރާ ގާތްކުރުމުން ފުލުހުން އެބޯޓަށް އަރައި ބޯޓު ބަލައިފާސްކުރި އިރު ބޯޓު ތެރޭގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓު ސައިޒުގެ ޕެކެޓެއް ފެނިފައިވެއެވެ.
މީގެ އިތުރުން ޖޫން 01 ވަނަ ދުވަހުގެ ހަވީރު 16:15 ހާއިރު ހިރިލަންދޫ ބަނދަރަށް ގާތްކުރި މާލެ ދަތުރުކުރާ ބޯޓަކުން ވެސް މަސްތުވާތަކެތި ހޯދާފައިވެއެވެ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަނުގައި އެ ބޯޓު ހިރިލަންދޫ ބަނދަރާއި ގާތްކުރުމުން ބޯޓަށް އަރައި އެބޯޓު ބަލައިފާސްކުރިއިރު ބޯޓުތެރޭގައި ހުރި ތަރުކާރީ ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފޮއިލްކޮޅެއް ފެނިފައިވެއެވެ.
މި ދެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މީގެއިތުރުން ތިމަރަފުށީގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 19 އަހަރުގެ މީހަކު މިވަނީ ހައްޔަރުކޮށްފައެވެ. ޖޫން 1 ވަނަ ދުވަހުގެ 18:00 ހާއިރު ހިންގި މިއޮޕަރޭޝަންގައި އެރަށުމަގުމަތިން މިމީހާ ހުއްޓުވައި ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.