ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުން ކޯޓު އަމުރެއްގެ ދަށުން އަނެއްކާ ވެސް ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 29ސ
ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުން ކޯޓު އަމުރެއްގެ ދަށުން އަނެއްކާ ވެސް ހައްޔަރު ކޮށްފި

ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކޯޓު އަމުރުގެ ބައެއްގައި ސޮއި ނެތިގެން އިއްޔެ ކޯޓުން ދޫކުރި 2 މީހުން ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

 

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ދިރިއުޅޭ ގެއިން ރޭ މެންދަމު 3:17 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. 3 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މި މީހުން އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްފައިވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް އިއްޔެ ހާޒިރުކުރުމުން، އެމީހުން ހައްޔަރުކުރުމަށް ފުލުހުން އެދިގެން ހޯދި ކޯޓު އަމުރުގެ ފަހުގަނޑުގައި އެކަނި ސޮއި އިންކަމަށް ބުނެއެވެ.

 

ކޯޓުން އިއްޔެ މިގޮތަށް ނިންމާފައިވަނީ ޖިނާޢީ އިޖުރާޢަތުގެ 32 ވަނަ މާއްދާގެ ހ ގެ 12 ވަނަ ނަންބަރަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މިމާއްދާގައި ބުނާގޮތުން ކޯޓުއަމުރުގެ ހުރިހާ ގަނޑެއްގައި ޤާޟީގެ ނަމާއި، ސޮއި އަދި ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ.

 

ފުލުހުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. އެމީހުން ދިރިއުޅޭގެ ބަލައި ފާސްކުރުމުގެ ތެރޭގައި ފުލިހުން ވަނީ 3 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ.

 

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފައިވާއިރު، ހޯމަ ދުވަހު ފުލުހުން ވަނީ މާލޭގައި ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ގެއަކުން 11 މީހަކު ހައްޔަރުކޮށްފައެވެ.

 

މިދިޔަ މަހުގެ 27 ވަނަދުވަހުވެސް ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރަމުންދިޔަ ދެ ގެއަކަށް ވަދެ 37 މީހަކު ހައްޔަރުކޮށްފައެވެ. އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ފުލުހުން އަންނަނީ މިފަދަ ގޮތްގޮތަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ހޯދާ، އެކަމުގައި ޝާމިލުވާ މީހުން ހައްޔަރުކުރަމުންނެވެ.

މިއަދު އޮންލައިން