މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފައިވަނީ އެސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން އިރުއޮއްސި 18:30 އާއި ހަމައަށެވެ.
ޔެލޯ އެލާރޓް ނެރުމުން، ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް:
· ކަނޑު ދަތުރު ކުރުމުގައި ސަމާލުވުން.
· ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުޢާސަލާތީ ވަސީލަތްތައް ހަމަކުރުން.
· ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅުފަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
· ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެފަދަ ހާލަތްތަކަށް ތައްޔާރުވުން.
· ގެއަށް ފެންވަދެފާނެ ކަމުގައިވާނަމަ ގެއިން ބޭރުގައި ވެލިބަސްތާފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.
· ފެންޖެހި ހަލާކުވާނެފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން.
· އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
· މޫސުމާއި ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.