ކޮރެއާ ބަލިކޮށް ފިފާ ވިމެންސް ވަރލްޑް ކަޕްގެ ފެށުން ފްރާންސުން ރަނގަޅުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 41ސ
ކޮރެއާ ބަލިކޮށް ފިފާ ވިމެންސް ވަރލްޑް ކަޕްގެ ފެށުން ފްރާންސުން ރަނގަޅުކޮށްފި

ކޮރެއާ ބަލިކޮށް ފިފާ ވިމެންސް ވަރލްޑް ކަޕް 2019ގެ ފެށުން ފްރާންސުން ރަނގަޅުކޮށްފިއެވެ. 

ފްރާންސްގައި މިރޭ ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގައި ހިމެނޭ ފްރާންސްއާއި ކޮރެއާއެވެ. 45241 ބެލުންތެރިންގެ ކުރިމަތީގައި ކުޅުނު މި މެޗު ފްރާންސުން ކާމިޔާބުކުރީ 4 ލަނޑު 0 ލަނޑުންނެވެ.

މެޗު ފެށުނީއްސުރެ ޑޮމިނޭޓް ކުރަމުންދިޔައީ ފްރާންސުންނެވެ. އަދި ގިނަ ހަމަލާތަކެއްވެސް ކޮރެއާގެ ގޯލަށް އަމާޒުކުރިއެވެ.

މި މެޗުގެ ފުރަތަމަ ގޯލު 9 ވަނަ މިނެޓުގައި ޖަހައިދިނީ ޖާރޒީ ނަމްބަރ 9 ލެ ސޮމެރާއެވެ. އަދި މިއީ އަންހެނުންގެ ވަރލްޑް ކަޕްގެ އޯޕަނިންގ މެޗެއްގައި މިހާތަނަށް އެންމެއަވަހަށް ޖެހި ލަނޑެވެ.

މި ލަނޑަށްފަހުވެސް ތަކުރާރުކޮށް ފްރާންސުން ކޮރެއާގެ ދިފާޢީ ލައިނަށް ބާރުބޮޑުކުރަމުންގޮސް 29 ވަނަ މިނެޓުގައި ޖާރޒީ ނަމްބަރ 19 ވަނީ ގޯލުގެތެރެއަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް ވީއޭއާރްގެ އެހީގައި ބެލިބެލުމުން އެނގުނީ އެއީ އޮފްސައިޑް މަޤާމެއްގައި ހުރެ ޖެހި ގޯލެއް ކަމަށެވެ.

އެހެންނަމަވެސް 35 ވަނަ މިނެޓުގައި ފްރާންސަށް ލިބުނު ކޯނަރެއް ގޯލު ކުތިމައްޗަށް ހުރަސްކޮށްލުމުން، މި މުބާރާތުގައި ކުޅޭ އެންމެ އިސްކޮޅުންދިގު ކުޅުންތެރިޔާ ފްރާންސްގެ ޖާރޒީ ނަމްބަރު 3 ރެނާރޑް ވަނީ ބޮލުން ޖަހާ ގޯލުގެތެރެއަށް ފޮނުވާލާފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެގޮތުގައި ދެއްކި 2 މިނެޓުގެ ފަހު ވަގުތު ރެނާރޑް ވަނީ އިތުރު ގޯލެއް ޖަހާ ނަތީޖާ 0-3 ލަނޑަށް ބަދަލުކޮށްލާފައެވެ. މިއީވެސް ނެގި ކޯނަރެއްގައި ބޮލުން ޖެހި ގޯލެކެވެ.

ފުރަތަމަ ހާފު ބޮޑު ލީޑެއްގައި ފްރާންސް ނިންމާލުމުން ދެވަނަ ހާފުގައި ކޮރެއާގެ ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަން މަސައްކަތްކުރިއެވެ. އެކަމަކު ލަނޑަކަށް ބަދަލުކޮށްލެވޭގޮތެއް ނުވިއެވެ.

މީގެ ފައިދާ ނަގާ ފްރާންސްގެ ކެޕްޜަން އޮންރީ ވަނީ 85 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. 

ފިފާ ވިމެންސް ވަރލްޑްގެ އެންމެފަހުގެ ޗެމްޕިއަން ޓީމަކީ އެމެރިކާއެވެ.

މިއަދު އޮންލައިން