ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޖޫން މަހުގެ 6 ވަނަ ދުވަހުގެ 09:44 ހާއިރު ވޭމަންޑޫ މަގުމަތިންނެވެ.
މި މީހާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް އެއްޗެއް ބިންމައްޗަށް އެއްލައިލުމުން ފުލުހުން އެސަރަޙައްދު ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން މަސްތުވާތަކެތި ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތ. އޮމަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.