މިއަހަރުވެސް ކަރަންޓް ބިލް ބޮޑުވީ ހޫނު ގަދަ ވުމުން ކަމަށާއި ހޫނު މޫސުން ދިގުލައި ދިއުމުން ކަމަށް ސްޓެލްކޯ އިން މިއަދުވެސް ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެމުން ސްޓެލްކޯ އިން ބުނީ ހޫނު ގަދަވުމުން އެއާކޯން ފަދަ ތަކެތި ގިނައިރު ޖައްސަނީ ކަމަށާއި ފެންބޯން ބޭނުންވާތީ ފްރިޖްތައް ހުޅުވާ ލައްޕާ އަދަދުވެސް ގިނަވަނީ ކަމަށެވެ. "އިތުރު ކަމެއް އުޅެނީއެއް ނޫން. ބޭނުންކުރާ މިންވަރު އިތުރުވަނީ."
ސްޓެލްކޯ އިން ބުނީ ރައްޔިތުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން 6 މެގަވޯޓުގެ ކަރަންޓު އިތުރަށް އުފައްދަން ޖެހުނު ކަމަށެވެ. ވީމާ ރައްޔިތުން ކަރަންޓް ބޭނުންކުރާ މިންވަރު އެވަނީ ވަރަށް ބޮޑުތަން އިތުރުވެފައި ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވުމުންވެސް ކަރަންޓް ބޢނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
ކޮންމެ އަހަރަކުވެސް ހޫނު މޫސުމުގައި ކަރަންޓް ބިލް ބޮޑުވެގެންދެއެވެ. ނަމަވެސް މިއަހަރު ބިލްތައް ވަނީ އެހެން އަހަރުތަކާއި އަޅައިބަލާއިރު ވަރަށް ބޮޑުތަނުން ބޮޑުވެފައިކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ. ކަރަންޓް އެއް ވަރަކަށް ބޭނުންކުރި ނަމަވެސް ގިން ގޭބިސީތަކުގެ ބިލް 33 އިންސައްތައަށް ބޮޑުވެފައިވާކަންވެސް ދަނީ ފާހަގަކުރަމުންނެވެ. އަދި ބައެއް ގޭބިސީތަކުގެ ބިލް 50 އިންސައްތައަށް މަތިވެފައިވާކަންވެސް ބައެއް ގޭ ބިސީތަކުން ވަނީ ފާހަގަކޮށްފައެވެ.