ޕޮލިހުން މާލެ ސަރަޙައްދުގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރަން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 18ސ
ޕޮލިހުން  މާލެ ސަރަޙައްދުގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރަން ފަށައިފި

ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމުގެ ގޮތުން މާލެ ސަރަޙައްދުގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް މެރިން ޕޮލިސްގެ މެރިން އިންވެސްޓިގޭޝަން ޔުނިޓުން ފަށައިގެން ކުރިއަށް ގެންދާކަމުގަ ވިދާޅުވެއްޖެއެވެ.

ޖޫން 1 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މިޕްރޮގްރާމްގެ ދަށުން، މުދާއުފުލާ އުޅަނދުފަހަރާއި ޕަސިންޖަރުން އުފުލާ އުޅަނދުތައް ބަލައިފާސްކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކޮށްފައިވާ ސީވާދިނަސް ހުއްދައާއި އެއްގޮތަށް އުޅަނދު ފަަހަރުގެ ސަލާމަތީ ކަންކަން ހުރިތޯ ބެލުމާއި، އެއުޅަނދެއް ދުއްވަނީ ލައިސަންސް އޮތް ފަރާތެއްތޯ ކަށަވަރު ކުރުމާއި އެއްވެސް އުޅަނދެއްގައި ކެޕްޓަނުންގެ ގޮތުގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވޭތޯ ބެލުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތުދިނެވެ..

މީގެއިތުރުން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ބުނެދިނުމާއި އުޅަނދުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަޢުލޫމާތު  ދީފައިވެއެވެ. އަދި ކަނޑުމަތިން އެއްވެސް އުޅަނދަކަށް ހާދިސާއެއް ދިމާވެއްޖެނަމަ ފުުލުހުންގެ ފަރާތުން ދޭންޖެހޭ އެހީތެރިކަން އެންމެ އަވަސް ގޮތެއްގައި ފޯރުކޮށް ދިނުމަށްޓަކައި،  މިޕްރޮގްރާމްގެ ދަށުން ބަލައިފާސްކުރެވޭ އުޅަނދު ފަހަރުގެ ވެރިފަރާތުގެ މަޢުލޫމާތާއި އުޅަނދު ދުއްވާ ފަރާތުގެ މަޢުލޫމާތާއި ފަޅުވެރިންގެ މަޢުލޫމާތު ނަގައި އެފަރާތްތަކާއި ގުޅޭނެ ނަންބަރުވެސް ދަނީ ހޯދަމުންނެެވެ.

މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 36 އުޅަނދު ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދިނެވެ.

މިއަދު އޮންލައިން