ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މާލޭގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކުރީ 18 އަހަރުގެ ފިރިހެނަަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ.
މި ދެމީހުންވެސް ހައްޔަރުކުރީ މާލޭގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ޖޫން 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް، އެގޭތެރެއިންނެވެ.
މި އޮަޕަރޭޝަނުގައި ފުލުހުން އެގެއަށް ވަދެ އެގޭ ކޮޓަރިއެއްގައި ޓަކި ޖެހުމުން އެދެމީހުން ވަނީ ދޮރުގައި ހަރުކޮށްފައިހުރި ޑޯވިއު އިން ބެލުމަށްފަހު ކޮޓަރި ތަޅުލާފައެވެ. އަދި ދޮރު ތަޅުލުމުން ފުލުހުންވަނީ ގަދަކަމުން ކޮޓަރީގެ ދޮރު ހުޅުވައިގެން ވަދެ އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިދެމީހުންގެ ހާޟިރުގައި ފުލުހުން އެކޮޓަރި ބަލައިފާސްކުރިއިރު ފާޚާނާ ކުރިމަތީ ތަޅުންގަނޑުމަތީގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތި ހުރި 13 ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި ފުލުހުން އެކޮޓަރިއަށް ވަތްއިރު ކޮޓަރީ ފާޚާނާ ކައިރީގައި ހުރި މީހާގެ އަތުގެ މުލައްދަނޑިއާ ހިސާބަށް ތެމިފައިހުރުމުން، އޭނާ ފާޚާނާއަށް ވަދެ އެއްޗެއް ފޮރުވާފައިވާކަމަށް ބެލެވިގެން ފުލުހުން ވަނީ ފާޚާނާ ތަށި ނައްޓާލައިގެން ބަލާފައެވެ. އެގޮތުން ފާޚާނާ ތަށި ތެރެއިން ރަބަރު ޕެކެޓެއްގެ ކޮޅު ފެންނަން ހުރުމުން ފާޚާނާ ތަށި ހަލާކުކޮށްލައިގެން ބަލައިފާސްކޮށް ތަށީގެ ގުދު ތެރެއިން ފެނުނު ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތިހުރި 39 ރަބަރު ޕެކެޓް ފެނިފައިވެއެވެ.