ހުޅުމާލޭއިން ތިން ފްލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި އެކު ދެމީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 46ސ
ހުޅުމާލޭއިން ތިން ފްލެޓެއް ބަލައިފާސްކޮށް  މަސްތުވާތަކެތި އެކު ދެމީހަކު ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭއިން ތިން ފްލެޓެއް ބަލައިފާސްކޮށް  މަސްތުވާތަކެތި އެކު ދެމީހަކު ހައްޔަރުކޮށްފިއެވެ،

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެނަކާއި 18 އަހަރުންދަށުގެ ފިރިހެން ކުއްޖެކެވެ.

ހުޅުމާލޭގައި ތިން ފްލެޓެއްގައި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތަކުރާރުކޮށް ފުލުހުންނަށް ލިބެމުންދިޔަ މަޢުލޫމާތުތަކާއި ގުޅިގެން ޖޫން 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ތިން ފްލެޓެއް ބަލައިފާސްކޮށްފައިވާއިރު އޭގެތެރެއިން ދެ ފްލެޓަކުން މަސްތުވާތަކެތި ފެނިފައިެވއެވެ.

އެގޮތުން އެތަނުން އެއް ފްލެޓުގެ ތެރެއިން 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާއިރު، އޭނާ ވަނީ ފުލުހުން އެ ފްލެޓަށް ވަނުމާއެކު ފާޚާނާއަށްވަދެ، އެއްޗެއް ފްލޭޝްކޮށްލާފައެވެ. އަދި އެޗްޑީސީގެ އެހީތެރިކަމާއެކު ފާޚާނާ ޖަންކްޝަން މަތިގަނޑު ނަގައި ބެލިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

މީގެއިތުރުން އެފްލެޓް ބަލައިފާސްކުރިއިރު އެފްލެޓްގެ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. އަދި އެފްލެޓްގެ ކުޑަދޮރެއް ހުޅުވާފައި ހުރުމުން އެދިމާއިން އެއްޗެއް އުކާލާފައިހުރެދާނެކަމަށް ބެލެވިގެން އެފްލެޓާ ޖެހިގެންހުރި ފްލެޓްގެ ބޭރުފާރު ހިމެނޭ ސަރަހައްދު ބަލައިފާސްކޮށްފައިވެއެވެ. މި ސަރަހައްދު ބަލައިފާސްކުރިއިރު ފާރުގެ ގާގަނޑުމައްޗަށް އެއްލާލާފައި އޮތް ދެ ރަބަރު ޕެކެޓު ނަގައި ބަލައިފާސްކރުިއިރު އެއިން ކޮންމެ ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތި ހުރި 26 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ކުޑަކުއްޖާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެކުއްޖާ ދިރިއުޅެމުންދާ ފްލެޓުންނެވެ. އަދި ފުލުހުން އޭނާ ހުއްޓުވައި ބެލެނިވެރިންގެ ހާޟިރުގައި އޭނާއާ ސުވާލުކުރުމުން އެގޭ  ދެ ފާޚާނާގެ ސީލިންގގައި މަސްތުވާތަކެތި ފޮރުވާފައިކަމަށް ބުނެ އެތަކެތި ފުލުހުންނަށް ދައްކާފައިވެއެވެ. އެގޮތުން ދެ ފާޚާނާ ބަލައިފާސްކުރިއިރު ސީލިންގ ފިލާގަނޑު މަތިން މަސްތުވާތަކެތިހުރި 251 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިއަދު އޮންލައިން