ޖުމްހޫރީ ޕާޓީގެ ލީޑަރު އަނެއްކާވެސް އިތުރު ކައިވެނިފުޅެއް ކުރައްވަން އުޅުއްވާ ކަމަށް ނުވަތަ އިތުރު ކައިވެނިފުޅެއް ކުރައްވައިފިކަމަށް ބުނެ ފަތުރަމުން ގެންދަނީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު މައުލޫމާތުތަކެއްކަން މިއަދުނޫހަށް ވަނީ ކަށަވަރުކުރެވިފައެވެ.
މިކަމާއި ގުޅިގެން ގުޅުން ހުރި ފަރާތްތަކުން މައުލޫމާތު ހޯދުމުން މިއަދުނޫހަށް ޔަޤީންކުރެވިފައިވަނީ އެފަދަ އެއްވެސް ކަމެއް ހިނގާފައި ނެތް ކަމަށެވެ. އަދި އެފަދަ ދޮގު މައުލޫމާތުތައް ފަތުރަމުން ގެންދަނީ އެކަމުގައި އެއްވެސް މިންވަރެއްގެ ޙަޤީޤަތެއް އޮވެގެން ނޫންކަންވެސް މިއަދުނޫހަށް ވަނީ ޔަޤީން ކުރެވިފައެވެ.
މިއަދުނޫހަށް އެނގިފައިވާ ގޮތުގައި އެ ދޮގު މައުލޫމާތުތަކާއިއެކު ހާމަކުރި ފޮޓޯއަކީވެސް ޤާސިމް އިބްރާހީމް ޖަރުމަން ވިލާތުގައި ހުންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން މާމިގިއްޔަށް ވަޑައިގެންނެވި ދުވަހު އެމަނިކުފާނަށް މަރުޙަބާ ދަންނަވަން އެއްވި ރައްޔިތުންނާއިއެކު ސެލްފީ ނެންގެވިއިރު ނެގިފައިވާ ފޮޓޯއެކެވެ.
މީގެ ކުރިންވެސް ވަނީ ޤާސިމް އިބްރާހީމް އާއިމެދު އަދި އެމަނިކުފާނުގެ ވިޔަފާރިތަކާއިބެހޭގޮތުން އެއްވެސް ޙަޤީޤަތެއް ނެތް ދޮގު މައުލޫމާތުތައް އެތައް ފަހަރެއްގެ މަތިން ޢާންމުކޮށްފައެވެ. އެއްވެސް މިންވަރެއްގެ ޙަޤީޤަތެއް ނެތި ބޮޑެތި ދޮގުތައް ހަދައިގެން މިފަދަ ދޮގު މައުލޫމާތުތައް ފެތުރުމަކީ ކޮންމެ މަޤްޞަދެއްގައި ކުރި ނަމަވެސް ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެވެ.