ކުޑަކުދިންގެ މަގީޗާގައި އޮތް ކިނބުލަށް ވީ ގޮތެއް ބަލައި އެކަން މީޑިއާތަކަށް ހާމަކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ބަންޑާރަކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސްފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ވިދާޅުވީ އެއިރު ވެސް ސިފައިންގެ ޚިދުމަތުގައި ހުންނެވި ނަމަވެސް ކިނބުލަށްވީ ގޮތުގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އަދި އެއީ ސިފައިންގެތެރެއިން ހިނގާފައިވާ ކަމަކަށްވާތީ މައްސަލަ ބެއްލެވުމަށްފަހު މީޑިއާ އި މައުލޫމާތު ޙިއްޞާ ކުރައްވާނެ ކަމަށެވެ.
ރައީސް ޔާމީނުގެ ވެރިކަން ފެށުމާއިއެކު ކިނބޫ ވަނީ ގެއްލިފައެވެ. އެއަށް ވީގޮތެއް ސިފައިން އަދި މިހައިތަނަށްވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން އެކަމާއި ގުޅޭ ގޮތުން ޢާންމުންގެ ތެރޭގައި ދަނީ ތަފާތު ގޮތްގޮތަށް ވާހަކަތައް ދެކެވެމުންނެވެ.
ސިފައިންގެ ބެލުމުގެދަށުގައި އޮތް އެއްޗެއް ނައްތައިލި ނަމަ އެކަން ޢާންމުންނަށް ހާމަކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް ބުނެ ރައްޔިތުންގެ ގިނަ ބައަކު ގެންދަނީ ސުވާލުތައް އުފައްދަމުންނެވެ. އަދި މިއީ ސިހުރަށް ބިރުން ކޮށްފައިވާ ކަމެއް ކަމަށްވެސް ގިނަ ބައަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ގިނަބައެއްގެ ސުވާލަކީ ނައްތައިލުމުގެ ބާރު ސިފައިންނަސް ލިބިދޭތީ ނައްތައިލި ނަމަވެސް އެކަން ހާމަ ކުރަން ޖެހިލުންވަނީ ކޮން ސިއްރެއް ފަހަތުގައި އޮތުމުންތޯއެވެ؟