އުތުރުތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާގެ އެހީތެރިކަން ލިބުނު ނަމަވެސް އެތަނުގައި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ކުރާނީ ދިވެހި ސިފައިންކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ބަންޑާރަކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އެހެންނަމަވެސް ދިވެހި ސިފައިން ތަމްރީނުކުރުމަށް ބޭރުގެ ބައަކު ތިބެދާނެ ކަމަށެވެ. އަދި ސިފައިން ތަމްރީނު ކުރުމަށް ބޭރުގެ އެހީތެރިކަން އަބަދުވެސް އަންނަނީ ހޯދަމުން ކަމަށެވެ.
އިންޑިއާ އިން ހަދިޔާކުރާ ޑޯނިއާ ފްލައިޓާއިއެކު ރާއްޖެ އަށް އަންނާނީ ކިހައި ސިފައިންނެއްކަން ހާމައެއް ނުކުރެއެވެ. ޑޯނިއާ ފްލައިޓްތައް ދިވެހި ޕައިލެޓުން ގެންދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ދިވެހި އިންޖިނޭރުން ގެންދަނީ މަރާމާތުވެސް ކުރަމުންނެވެ.
ފްލައިޓްތައް އުދުއްސާނީ ދިވެހި ސިފައިންނާއިއެކުގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މީގެ އިތުރުން އިންޑިއާގެ ހެލިކޮޕްޓަރުތައް އުދުހެނީ ކޮންމެ އުދުހުމަކަށްވެސް ދިވެހި ސިފައިންގެ ހުއްދަ ލިބިގެން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އުތުރު ތިލަފަޅުގައި އެންމެ މަތީ ފެންވަރުގެ ޑޮކްޔާޑެއްހަދައި އާމްދަނީ ވެސް ލިބޭ ގޮތަސް ހިނަގުމުގެ ޕްލޭނެއް ރާވައި އަމަލުކުރަން މަސައްކަތް ފަށާފައިވަނީ ޑިފެންސް މިނިސްޓަރުކަމުގައި ކާނަލް (ރޓ) މުޙައްމަދު ނާޒިމް ހުންނެވި ދުވަސްވަރުއެވެ. ނަމަވެސް އެމަނިކުފާނު މަޤާމުން ވަކިވެވަޑައިގަތުމަށްފަހު ތަފާތު ސަބަބުތައް މެދުވެރިވެ މަޝްރޫއު އަދި މިއަދާއި ހަމައަށްވެސް ވަނީ ކުރިއަށް ނުގެންދެވިފައެވެ.