ސިފްކޯ ހިޔާ ނިންމަން ބޭނުންވާ ގިނަ ތަކެތި ކުރިއަށް އޮތް 2 މަސް ތެރޭ ލިބޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ބަންޑާރަކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަމާލް އިއްޔެ ވިދާޅުވީ ސިފްކޯގެ ހިޔާގެ މަޝްރޫޢުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށް ގެންދެވޭ ކަމަށެވެ. އެމަސައްކަތުގައި 200 ވަރަކަށް މީހުންނާއިއެކު ޚާއްޞަ ފަންނީ މުވައްޒިފުންވެސް ހަރަކާތްތެރިވަމުން ގެންދާ ކަމަށާއި މަސައްކަތް ބެެއްލެވުމަށް ކާނަލެއްވެސް ހަމަޖައްސަވާފައިވާނެ ކަމަށެވެ.
ޝަމާލް ވިދާޅުވީ މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު ހުރީ ހަމައެކަނި އިމާރާތުގެ ސްޓްރަކްޗަރެއް ކަމަށާއި އެހެންކަމުން އިމާރާތްތައް ނިންމަން ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުން އަންނަ ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް މަސައްކަތް ނިމޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ސިފްކޯ ހިޔާގެ މަސައްކަތަށް އެތައް މިލިއަން ރުފިޔާއެއް އެޑްވާންސަށް ނެގި ކުންފުނިން ވަނީ ފައިސާ ބޭނުންކުރުމަށްފަހު އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނުކޮށްފައެވެ. އަދި އެކަމުގެ އެއްބަސްވުން ބާޠިލުކުރުމުން އަނބުރައިދޭން ޖެހޭ ފައިސާވެސް ވަނީ ނުދީފައެވެ.