ސާދަ ދުވަހުގެ ތެރޭގައި ލުޠްފީ ރާއްޖެ ގެނެވޭނެ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސާދަ ދުވަހުގެ ތެރޭގައި ލުޠްފީ ރާއްޖެ ގެނެވޭނެ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު ކުރައްވައިފި

ކުރިއަށް 14 ދުވަހުގެ ތެރޭގައި ހ. ހާޖަރާގޭ ޢަބްދުﷲ ލުޠްފީ ރާއްޖެ ގެނެވޭނެ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރައްވައިފިއެވެ. 

މަޖިލީހުގެ އިދާރާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ލުޠްފީގެ މައްސަލައިގައި ވަޒީރާއި ސުވާލުކުރަން މަޖިލީހަށް ހުށަހެޅިފައިވާ ކަމަށާއި މަޖިލީހުގެ ޤަވާއިދު އޮންނަ ގޮތުން އެކަމަށް 14 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށެވެ. އަދި ސުވާލުކުރުމުގެ ކުރިން ލުޠްފީ ރާއްޖެ ގެނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބޭ މީހުން ރާއްޖެ ގެނައުމަކީ އެހައި ފަސޭހައިން ކުރެވޭ ކަމެއް ނޫން ކަމަށެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ރައީސް އިބްރާހީމް ނާޞިރު ރާއްޖެ ގެންނަން އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް ނަޝީދު ގެންނަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ނަމަވެސް ރާއްޖެ ނުގެނެވުނު ކަމަށެވެ. 

ރައީސް އިބްރާހީމް ނާޞިރު އަދި ރައީސް ނަޝީދު ރާއްޖެއަސް ނުގެނެވެނީ އެއީ ކުށްވެރިން ކަމުގައި ޤައުމުތަކުން ޤަބޫލު ނުކުރުމުންނެވެ. ނަމަވެސް ލުޠްފީއަކީ ޓެރަރިސްޓެއް ކަމަށް ޤަބޫލު ނުކުރާ އެއްވެސް ޤައުމެއް އޮތްކަން އަދި މިހައިތަނަށް އެނގިފައެއް ނުވެއެވެ. މީގެ އިތުރުން ސަރުކާރުން ބޭނުންވުމުން ބައެއް މީހުން މިހާރުވެސް ވަނީ ސްރީލަންކާއިންނާއި މެލޭސިޔާއިން ، އެޤައުމުތަކުގެ ފުލުހުންގެ އެހީތެރިކަމާއިއެކު ރާއްޖެ ގެނެސްފައިކަން ވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން